logo minivan

English

ބުދަ, 15 ޖެނުއަރީ 2025

މެލޭޝިޔާގެ އިދިކޮޅު ލީޑަރުގެ މައްޗަށް ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ދަޢުވާ އުފުލައިފި

މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާ ދެކޮޅަށް ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ދަޢުވާ އުފުލައިފިއެވެ.

މުޙްޔިއްދީންގެ ޤާނޫނީ ވަކީލު ބުނީ, އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ މެލޭޝިޔާގެ ކުރީގެ ރަސްގެފާނާ ދެކޮޅަށް ދެއްކެވި ވާހަކައަކާ ގުޅުވައި ކަމުގައެވެ. އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ މެލޭޝިޔާގެ އިރުއުތުރު ކެލަންތަން ސްޓޭޓްގެ ކޯޓެއްގައެވެ.

މުޙްޔިއްދީން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައި ވަނީ 2020ން 2021އަށް, 17 މަސްދުވަހުގެ މުއްދަތަކަށެވެ. އޭނާގެ ޤާނޫނީ ވަކީލު ބުނީ, މުޙްޔިއްދީނާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ މެލޭޝިޔާގެ ކުރީގެ ރަސްގެފާނު އަލް-ސުލްޠާން ޢަބްދުالله އަޙްމަދު ޝާޙާ ދެކޮޅަށް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. އަދި, އެ ވާހަކަތަކަކީ ބަޣާވާތަކަށް ހިތްވަރު ދިނުމުގެ ޢަމަލެއްގެ ގޮތުގައި ބަލައި ކަމުގައެވެ. ނަމަވެސް, މުޙްޔިއްދީން ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާއަށް އިންކާރު ކުރައްވާފައެވެ.

މެލޭޝިޔާގައި ޢަމަލު ކުރަމުންދާ ސެޑިޝަން ޤާނޫނުގެ ދަށުން, އެ ޤައުމުގެ ރަސްކަމާ ދެކޮޅަށް އަޑު އުފުލައި, ބަދުބަސް ރައްދު ކުރުމަކީ ޤާނޫނީ ކުށެކެވެ. ނަމަވެސް, އޮގަސްޓު 15ވަނަ ދުވަހު ބޭއްވި ސިޔާސީ އެއްވުމެއްގައި ކުރީގެ ރަސްގެފާނު އަލް-ސުލްޠާން ޢަބްދުاللهއަށް މުޙްޔިއްދީން ފާޑު ވިދާޅުވެފައިވެއެވެ.

މުޙްޔިއްދީން ވިދާޅުވީ, 2022ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބަށް ފަހު އޭނާގެ ޕާޓީން އައު ސަރުކާރެއް އެކުލަވައިލެވޭ މިންވަރަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތާޢީދު ހޯދި ނަމަވެސް, ސަރުކާރު އެކުލަވައިލައި ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވުމަށް ރަސްގެފާނު އޭނާއަށް ފުރުޞަތު ދެއްވާފައި ނުވާ ކަމުގައެވެ. އަދި, އެ އަމަލާ އެކު ރަސްގެފާނުގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *