ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަޒީރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަޣާވާތް ކުރިކަމުގެ ތުހުމަތު ކުރުމަކީ ގައުމީވަންތަކަމަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނާ ގުޅިގެން ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭންކު މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނީ ބަޣާވާތެއް ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމްޑީޕީން ބޭއްވި ޕްރެސް ބްރީފިންގައި ޝާހިދު ވިދާޅުވީ އެ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށްވާއިރު ބަޣާވާތެއް ކުރާކަމަށް އެންމެ މަތީ ވެރިއަކު ވިދާޅުވާ ހިސާބުން ނުރައްކަލަށް ފުރޮޅިގެން ދަނީ ބޭންކުގެ ސީއީއޯ އެކަނި ނޫން ކަމަށެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނާ ދިމާލަށްވެސް އެ ދިއްކުރެވެނީ ތުހުމަތުގެ އިނގިލި ކަމަށް ޝާހިދު ވިދާޅުވި އެވެ. ސީއީއޯ އިސްތިއުފާދޭން ޖެހޭކަމަށް ވިދާޅުވާ ހިސާބުން އެކަމުގެ ނުރައްކާ އޮތް މިންވަރު ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.