logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

އަޑު ނުއިވުނީމާ ލިޔެފައި ގެންގޮސް ގޭދޮށުގައި ބަހައްޓައިގެން ހަނދާންކޮށްދިނުމަކީ ގޯސްކަމެއް ނޫން: ޑރ.އިޔާޒް

އަޑު ނުއިވުނީމައި ލިޔެފައި ގެންގޮސް ގޭދޮށުގައި ބަހައްޓައިގެން ހަނދާންކޮށްދިނުމަކީ ގޯސްކަމެއް ނޫންކަމަށް ވިދާޅުވެ ޑރ.އިޔާޒް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމަށް ރައްދުދެއްވައިފިއެވެ.

ޑރ.އިޔާޒް އެހެން ވިދާޅުވީ ސަފީރުންގެ ގޭ ދޮށަށް އެއްވެ އުނދަގޫ ކުރުމަކީ ފަލަސްތީނަށް ނަސްރުދިނުމެއް ނޫންކަމަށް ބުނެ އިސްލާމިކް މިނިޓަރ ޑރ.ޝަހީމް އެކްސް ގައި ކުރައްވާފައިވާ ޕޯސްޓް ޓެގް ކުރައްވައި ޑރ.އިޔާޒް އެކްސްްގައި ކުރައްވާފައިވާ ޕޯސްޓެއްގައިއެވެ.

ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް އެކްސްގައިވާ ކުރައްވާފައިވާ ޕޯސްޓްގައިވަނީ

"ފަލަސްޠީނުގެ ރަޢްޔިތުން އުފުލާވޭންތައް އެހެންގޮތަކުން އެބަޔަކަށް އަޑު ނުއިވުނީމާ ލިޔެފައި ގެންގޮސް ގޭދޮށުގައި ބަހައްޓައިގެން ހަނދާންކޮށްދިނުމަކީ ގޯސްކަމެއް ނޫން. މިއީ ހަނދާންކޮށްދިނުމެއް. ހަނދާންކޮށްދިނުމަކީ މުއިމިނުންނަށް ފައިދާކުރާނެ ކަމެއް. ބަޔަކު މީހުން ޢަބްދުالله ބިން އުބައްޔު ބިން ސަލޫލްގެ މަންހަޖު ފޮލޯކުރިނަމަވެސް, އިޚްލާޞްތެރިކަމާއި އެކު ފަލަސްޠީނުގެ މައްސަލާގައި އަޑުއުފުލާނެ މީހުން މިޤައުމުގައި ތިބިކަން ހާމަކޮށްދޭންޖެހޭ. އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާނަމޭ ބުނެ ދޮގު ބަޔާންތައް ނެރި މެޑެލް ޖަހަން އުޅުނު, ޝަހީދުއިސްމާޢީލް ހަނިއްޔާގެ މައްޗަށް ކަށުނަމާދު ކުރަން ސީދާ ބަހުން ބުނަން ނުކެރި ކުރާނެ ބަޔަކު ކުރާށޭ ބުނެ, އެކަކުވެސް ރާއްޖޭގެ ހުރިހާ ހުކުރުކުރާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކޮށްފީމޭ ބުނެ ދޮގުފަތުރަން އުޅުނީވެސް އުބައްޔު ބިން ސަލޫލްގެ މަންހަޖުގެ މީހުން. އެންމެ ދެއަންހެނުން ގެއެއްގެ ކުރިމައްޗަށް ގޮސް ހިމޭން މުޒާހަރާ ކުރުމަކީ މީހަކަށް ބިރުދެއްކުން ކަމަށް ބުނުމަކީ ތިޔަބޭފުޅުން ވަކި ބަޔެއްގެ އަޅުވެތިވެ ސިހިފައިވާ މީންވަރު ދައްކުވައިދޭ ވަރުގަދަ ހެއްކެއް. ދުނިޔޭގައި މެޑެލް ޖަހަން އުޅުމަށްވުރެ އިޚްލާޞްތެރިކަން އިސްކޮށް އާޚިރަތަށްޓަކައި މަސައްކަތް ކުރުން ބުއްދިވެރިވާނެ. اللهم بلغت اللهم فاشهد

އިތުރަށް ޑރ.އަިޔާޒް އެކްސްގައި ކުރައްވާފައިވާ އެހެން ޕޯސްޓެއްގައިވަނީ ސައުދީގެ ސަފީރަށް ރައްދުކޮށް ލިޔެފައިވަނީ

ގޭގެ ވަށައިގެން ސަލާމަތީ ކެމެރާ ތައް ހަރުކޮށްފައި، އެތައް ބައިވަރު ހަށިފާރަވެރިންތިބި ތަނަކަށް ނިކަމެތި ދެ އަންހެނުން ގޮސް ފަލަސްޠީނުގެ އަޚުންނާއި އުޚްތުން އުފުއްލަމުން ގެންދާ ވޭންތަކުގެ ވާހަކަ ދެއްކުމުން ތިމަންނާ އަށާއި ދަރިންނަށް ބިރުދައްކަނީ ކަމަށް ބުނެ، އަޢުވާނުން ލައްވާ ވާހަކަ ބޮޑުކޮށްގެން ދޮގު ޚަބަރުތައް ފަތުރުވާ، ނުވީ ތަނަކަށް ފުލުހުންނަށް އިންތިހާ އަށް ޕްރެޝަރު ކޮށްގެން އެދެއަންހެނުން ހައްޔަރުކުރުވާ ގޮޅިއަކަށް ފައްތަން އުޅުމަކީ ލަދުވެތިކަމެއް. ރީތިގޮތުގައި އެ މީހުންނާއި ބައްދަލުކޮށް ތިމަންނާމެން ފަލަސްތީނުގެ ކަންތަކުގައި މިވެނި ކަންތަކެއްކުރަމޭ އިތުރަށް ކުރެވޭނެ ކަންތަކާއި މެދުވެސް ވިސްނަމޭ ބުނެ ވާހަކަ ދެއްކިނަމަ މަންޒަރު ވަރަށް ރީތިވީސް. މިހާރު ކަންތައް ކުރެއްވި ގޮތުން ދޭހަވަނީ ފަލަސްޠީނަށް ވުރެ ބޮޑަށް އިސްރާއީލަށް ވާގިވެރިވާ ބޭފުޅެއް ކަމަށް. ތިޔަހެން ކަންތައްކުރެއްވީމާ މަނިކުފާނު އެ ޤައުމެއް ތަމްޘީލުކުރައްވަން ވަޑައިގެން ހުންނެވި ޤައުމަށްވެސް ހުތުރު.

އަދިވެސް އިތުރަށް ޑރ.އިޔާޒް ކުރައްވާފައިވާ އެހެން ޕޯސްޓެއްގައި ފަލަސްތީނަށް ނަސްރު ދޭންޖެހޭ ކަމަށްބުނެ އައި ސަރުކާރުން ފަލަސްތީނަށް ނަސްރު ހޯދުމަށް ގޮވާލަމުން ދިޔަ 2 އަންހެނުން ހައްޔަރުކުރަން ސަރުކާރުން ނިންމައިފިކަމަށްބުނެ ސަރުކާރަށްވެސް ޑރ.އިޔާޒް ވަނީ ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެމަނުކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައިވަނީ:

ތިބާގެ އަޚާ އަނިޔާވެރިވާ ޙާލުގައިވެސް އަދި އަނިޔާ ލިބޭ ޙާލުގައިވެސް ނަޞްރުދޭށޭ ޙަދީޘްގައި އަންގަވާފައިވަނިކޮށް, ފަލަސްޠީނުގެ އަޚުންނާއި އުޚްތުން ކަތިލެވެމުން ދާކަމާއި, އެބައިމީހުންނަށް ނަޞްރުދޭންޖެހޭ ކަމަށް ބުނެ އާދޭސްކުރަމުން ގެންދިޔަ ދެއުޚްތުން ތިން ދުވަހުގެ މުއްދަތަށް ހައްޔަރު ކުރުމަށް, ފަލަސްޠީނަށް ނަޞްރުދޭކަމަށާއި, އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާކަމަށް, އަދި ޝަރީޢަތަށް އަތްނުބާނާނެ ކަމަށް ބުނެ ދަޢްވާކުރަމުން ގެންދާ ސަރުކާރުން ނިންމައިފި. މާތް الله އެދެއުޚްތުންނަަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އަނިޔާވެރިން ނިކަމެތި ކުރައްވާ ބަލިކުރައްވާށި. އަނިޔާވެރިންގެ ނިމުން އަވަސްކުރައްވާ, މިއަނިޔާތަކުގެ ބަދަލު އެބައިމީހުންނަށް ޖައްސަވާށި. އާމީން.

އަދި

ނިކަމެތި ދެ އަންހެނުން ފަލަސްޠީނަށް އެހީވާށޭ ބުނެ ބޯޑެއް ހިފައިގެން ތިބުމާއި، ފަލަސްޠީނުގެ މީހުންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ ހަނދާންކޮށްދިނުމަކީ ސަފީރަށް އުނދަގޫވުން ކަމަށްވަނީނަމަ، ތިޔައީ ވަރަށް ދެކޮޅު ނުޖެހޭ ވާހަކައެއް.

އެވެ.

ފަލަސްތީނު މައްސަލާގައި މަޖިލިސް ދޮށުގައްޔާއި ސައުދީ ސަފީރު ހުންނަވާ ގެކޮޅު ކައިރީ މުޒާހިރާ ކުރުމުގައި ބައިވެރިވެފައިވާތީ ޑރ.އިޔާޒްގެ އަނބިކަނބަލުން އިއްޔެވަނީ ކޯޓް އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ. އަދި މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން މިއަދުވަނީ އިތުރު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ދީފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *