މާލޭގައި އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި، ފުލުހުންނަށް އިންޒާރުދިން މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކުރި ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރުގެ ޝަރީޢަތާމެދު ގޮތެއް ނިންމުމަށް އޭނާގެ ޣައިރު ހާޒިރުގައި ކޯޓަށް ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގާޟީވަނީ އަމުރުކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު އަންހެނަކު ބަންދުކޮށްގެން އަނިޔާކުރާކަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވިކަމަށެވެ. އަދި އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކުރުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅުމުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައިވާކަމަށެވެ. މިހާދިސާއަށްފަހު އަންހެން މީހާއާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާތަކެއް ނުލިބޭތީ ދެ މީހުންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހިމެނޭ އަހުމަދު އަތުހަރު ޑޮކްޓަރަށް ދައްކާ މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ރަނގަޅުކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި ސައިކެޓްރިސްޓަކަށާއި، ނާރުގެ ޚާއްސަ ޑޮކްޓަރަކަށްވެސް އޭނާ ދައްކާފައިވާ ކަމަށާއި އެޑޮކްޓަރުން ވެސް އެއްވެސް މައްސަލައެއް ނެތްކަމަށާއި، އޭނާ ރަނގަޅުކަމަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދެއްވާފައި ނުވާ ކަމަށާއި، ފިޓް ޖެހުނު ކަމަށްވެސް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
މިމައްސަލައިގައި ހިމެނޭ އަހުމަދު އަތުހަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި، އަންހެން މީހާ ރަހީނުކުރަން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ މިފަދަ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެކަމަށާއި، މިފަދަ ތަހުގީގެއް ހިންގާކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ވަޒީރު އިހްސާންވަނީ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްވީ ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުންކަން ފާހަގަކޮށް، ފުލުހުންގެ މަސައްކަތަށް ސާބަސް ވިދާޅުވެފައެވެ.
މި މައްސަލައިގައި ފުލުހުން ހަރަކާތްތެރިވިގޮތަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުވެސް ވަނީ ތައުރީފުކުރައްވާފައެވެ. ކޮމިޝަނަރ ވިދާޅުވީ މިހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުން މުހިއްމުކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.