ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނިީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލާ، ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަމް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ކުންފުނިތަކަށް އަންގައިފި އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ނިންމިކަން އަންގައި ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިޔުލާގައި ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދިނުމަށް ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ވެސް ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ސާކިއުލާގައި ފާހަގަކުރި އެވެ.
ސަރުކާރުގެ ވިޔަފާރިތަންތަނާއި ކުންފުނިތައް އަދި އެ ކުންފުނިތަކުގެ ސަބްސިޑަރީތަކުން ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރު ހަރަދާއި މުވައްޒަފުންގެ ހަރަދު ކުޑަކުރަން އަންގާފައިވެ އެވެ.
އެގޮތުން ދަތުރު ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މިވަގުތަށް ނުކުރުން
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތައް 6 ގަޑިއިރަށްވުރެ ދިގު ނުވާނަމަ ފަސްޓް ކްލާހުން ދަތުރު ނުކުރުން
ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދީގެން ކުރާ ދަތުރުތަކުގައި ކުންފުނިން ކުރަން ޖެހޭ ހަރަދުތައް ވީހާވެސް ކުޑަކުރުން
ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީގައިކުރުން
އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެގޮޮތަށް ދަތުރު އިންތިޒާމު ކުރުން
ކުންފުންޏަށް ސީީދާގޮތުން ފައިދާވާ ފެއާތަކާއި މަހާސިންތާ ތަކުގައި ނޫނީ ބައިވެރި ނުވުން
މުވައްޒަފުންގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ނަމަވެސް ކުންފުނި ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނޫނީ އެހެން މުވައްޒަފުން ނުނަގަން ވެސް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ޕީސީބީގެ ހުއްދައާ އެކު ނޫނީ މުވައްޒަފުުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން ވަނީ އަންގައިފަ އެވެ.