މާލެ އާއި ހުޅުމާލެ ގުޅުވާލުމަށް ތަރައްގީކޮށްފައިވާ ބްރިޖް އެޅިދާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އެއްވެސް އިރެއްގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ބްރިޖްގެ އެއް ލޭން ގެއްލިފައިވާ ކަމަށްބުނެ ބޮޑު ބަހުސެއް ކުރެވެމުންދާ މި ދަނޑިވަޅުގައި ފޭސްބުކް ޕޭޖްގައި އާންމުކުރައްވާފައިވާ ވީޑިއޯ މެސެޖްގައި އަދީބު ވިދާޅުވީ ބްރިޖް އެގްރީމެންޓްގައި ސޮއިކުރުމާއި ބްރިޖުގެ ކުރެމުން އިއުލާން ކުރެއްވުމަށް ވެސް ރައީސް ޔާމީން އިންކާރުކުރެއްވި ކަމަށާއި އެހެންވެ ބްރިޖާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ އިކޮނޮމިކް ޔޫތު ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ. އޭރު އަދީބަކީ އިކޮނޮމިކް ޔޫތު ކައުންސިލްގެ ކޯ ޗެއާއެވެ.
ބްރިޖް އެގްރީމެންޓުގައި ސޮއިކުރެއްވުމަށާއި ބްރިޖްގެ ކުރެހުން އިފްތިތާހު ކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވީ އެކަމަކީ ހަގީގަތަކަށް ހެދިދާނެ ޕްރޮޖެކްޓެއް ކަމަށް ދެކިނުލައްވާތީ ކަަމަށްވެއެވެ،
"ވިދާޅުވީ 2018ގައި ރައްޔިތުންގެ ކުރިމައްޗަށް ވޯޓު ހޯދަން ދާއިރު ތިޔަ ބްރިޖް ނުނިިމިއްޖެނަމަ ކީކޭހޭ ތިމަންނާ ބުނާނީ. މިއީ އޭރު ރައީސް ޔާމީންގެ ވާހަކަ ހުރިގޮތް،" އަދީބު ވިދާޅުވިއެވެ.
އަދީބް ވިދާޅުވީ ބްރިޖް ނިންމާފައިވަނީ ރައީސް ޔާމީނާއި އިކޮނޮމިކް ޔޫތު ކައުންސިލުން ބޭނުންވި ގޮތަށް ކަމަށެވެ.