ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރުމަށް އޮންނަ ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އަދި އެގްޒެކެޓިވް ކޮމިން ބަންޑާރަ ނައިބު އުނިކޮށް ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރުމުގެ މިނިވަންކަމާއި ބާރު ލިބިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ފާސްކުރި މި އިސްލާހުގެ ބޭނުމަކީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްކަމުގައި ބަޔާން ކުރާ މާއްދާ ބަދަލުކޮށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމިޓި އެކުލެވިގެން ވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ރައީސަކާއި، ނައިބު ރައީސެއް އަދި މެމްބަރުންގެ މައްޗަށްކަމަށް ހަމަޖެއްސުމެވެ. އަދި ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ
އަލަށް ގެނެވުނު އިސްލާހާއި އެކު ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަކީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ރައީސަކާއި، ނައިބުރައީސެއް، އަދި މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ވެގެންދާނެ އެވެ.
މި ބަދަލާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބުކޮށް ނިންމަންވާނެކަމަށް ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެ، އުޝާމް ކުރެއްވި ޕޯސްޓެއްގައި ވަނީ ބާ ކައުންސިލްގެ އެކްސްކޯގައި ބަންޑާރަ ނައިބު ހިމެނުން ނިމުމަކަށް އައުމާއި އެކު މިއީ ހަގީގީ މާނައިގައި، ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓު ކުރުމުގެ މިނިވަންކަމާއި ބާރު، ގާނޫނީ ވަކީލުން އައްޔަނު ކުރާ ބަޔަކަށް ލިބިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ދެކެ ކަމަށެވެ.
މީގެއިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމުގެ ހުއްދަ ލިބިދެވޭގޮތަށް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވޭ ތަންތަނާ ގުޅޭ މާއްދާއަށްވެސް މި ބިލުން އިޞްލާޙު ގެނެސްފައިވެއެވެ.
ބާ ކައުންސިލުން ބަންޑާރަ ނައިބު އުނި ކުރުމަކުން، ނުވަތަ ހުންނެވުމުން އަންނަ އެއްވެސް ބަދަލެއް ނެތްކަމަށް އިދިކޮޅު މެމްބަރުން މަޖިލިސް ތަޅުމުގައި ވިދާޅުވެފައި ވެއެވެ. އެކަމަށް ކޮމިޓީ މަރުހަލާގައި ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބު ކައުންސިލްގައި ހުންނެވުމުން އެ މެމްބަރެއްގެ ސީދާ ވިސްނުން ނުވަތަ ރައުޔު ހާމަކުރަން ދަތިވާ ކަމަށެވެ. ސިރާޖު ވިދާޅުވީ ކައުންސިލްގެ މެމްބަރުން ގަބޫލު ކުރަނީ، ބަންޑާރަ ނައިބު ހުންނެވުމުން ނުވަތަ ބައްދަލުވުމެއްގައި ބައިވެރިވުމުން މިނިވަންކަން ކޮމްޕްރޮމައިޒްވެ ދާކަމަށެވެ.
ބާ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.
ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.