logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމި ނިންމުން ހައިކޯޓުގައި ދިފާއު ނުކުރުމުން ކުރީގެ ކަމިޝަނަރުގެ ކަންބޮޑުވުން

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް އަމަލު ނުކުރަން ފުލުހުން ނިންމުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާ ހޯދޭނެ ކަމަށާއި އަދި އެކަން ދައުލަތުން ހައި ކޯޓުގައި ތަފްސީލްކޮށް ނުދިނުމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އޭސީސީން އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަ އޭސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށެވެ.

ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީ އޮފީހުން ކަމަށް ވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ވަކީލް ވިދާޅުވީ އޭގެ ސަބަބެއް މިވަގުތު ސާފުނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޭރުގެ ޕޮލިސް ކޮމިޝަނަރު ހަމީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނީ ލަފާ ފުލުހުން ހޯދި ސަބަބު ދައުލަތުން ކޯޓުގައި ދިފާއުކޮށްދޭން ޖެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި ފުލުހުން މިފަދަ ކަންކަމުގައި ގާނޫނީ ލަފައަކަށް އެދެނީ އެޓާނީ ޖެނެރަލްގެ ފަރާތުން ކަމަށް ވިޔަސް، މި މައްސަލާގައި އޭސީސީގެ އެންގުމުގެ ގާނޫނީ ހައިސިއްޔަތާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ހޯއްދަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *