ޖިޕަކުން ސައިކަލެއްގައި ޖެއްސި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގަ އެވެ. ހެލްމެޓް ވެސް އަޅައިގެން ތިބި ދެ އަންހެނުން ސައިކަލެއްގައި މަޑުކޮށްލައިގެން ތިއްބައި ކަޅު ކުލައިގެ ޖިޕެއް އައި ގޮތަށް އައިސް އެ މީހުންގެ ސައިކަލާ ހަމަކުރާ ތަން ފެނެ އެވެ.
ސައިކަލާ އެކު ދެ އަންހެނުން ވެސް ވެއްޓޭ މަންޒަރު ފެނެ އެވެ. އަދި އެ މަގުގައި ތިބޭ މީހުން އެ ދެ އަންހެނުންނަށް އެހީވާތަން ފެންނަ އިރު އިރިކޮޅަކުން ޖިޕު ދުއްވަން އިން ފިރިހެން މީހާ ވެސް އެ ޖިޕުން ނުކުމެ ވެއްޓުނު އަންހެނުންތަކާ ކައިރިވާ ތަން ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ ހަވީރު މާލޭގައި ހުންނަ މޫކައި ހޮޓަލުގެ ކުރިމަތީގައި ހިނގި އެ އެކްސިޑެންޓްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކަން ބަލަމުން ގެންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުން އެ ދެ މީހުންނަށް މާ ބޮޑު އަނިޔާއެއް ލިބުނު ހެނެއް ހިއެއް ނުވެ އެވެ.