logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ދިވެހީންގެ ދަރަނީގެ ދަންތުރަ – ވިސްނާލަނީ ކިތައްމީހުންބާ

އޮފީހަށް ދާން ދިޔަ މަގުމަތީގައި ލޮލުގައި އަޅައިގަތީ ބޭންކެއްގެ އިސްތިހާރު ބޯޑެކެވެ. ލިޔެފައި އޮތީ "ފޯނުން ލޯނެއް" މިހެންނެވެ. ކުޑަކޮށް ވިސްނައިލީމެވެ. މިވަނީ ކިހިނެއްބާއެވެ. އެނގުނީ ލޯނު ނެގުމަށް ބޭންކުތަކުން ފަހިކޮށްދީފައިވާ ފަސޭހަގޮތެވެ. އިތުރަށް ފިކުރު ހިންގައިލީމެވެ. ހިތަށް ނުތަނަވަސްކަން ގެނެސްދިނީ މީގެ އަހަރުތަކެއް ކުރިން ބޭންކުން ނެގި ލޯނު އަދިވެސް ދައްކާ ނުނިމެއޭ ހިތަށް އަރާފައެވެ. މަހެއްގެ މައްޗަށް މަދު މުސާރަކޮޅެއް ލިބޭއިރު އެ މުސާރައިގެ ތިންބައި ކުޅަ އެއްބައި މިދައްކަންޖެހެނީ ލޯނަށެވެ.

ހިތަށް އެރިއެވެ. ވަޒީފާއެއް ނެތި މި ލޯނަށް ފައިސާ ނުދެއްކިއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ. ދެން ހަނދާނަށް އައީ  ކޮވިޑުގައި ވަޒީފާއެއްނެތި އުޅެންޖެހި ލޯނު އަދާ ނުކުރެވި ދިޔަ ދުވަސްތަކުގައި ލޯން ޑިފޯލްޓްވެގެން ބޭންކުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ގަނަތެޅެންޖެހުނު ހާލެވެ.

އަހަރެންފަދަ ކިތައް މީހުންނަށް މި ދަންތުރައިގައި އުޅޭނެބާއޭ ހިތަށް އެރިއެވެ. މިކަން އިތުރަށް ބެލުމުގެ ޝައުގުއުފެދި ސިވިލް ކޯޓުގެ ފާއިތުވި ދެތިން މަހު ނިންމާފައި ހުރި މައްސަލަތައް ކޯޓުގެ ވެބް ސައިޓުން ބަލައިލީމެވެ. މުޅީންހެންވެސް ހުރީ ބޭންކުތަކުން ހުށަހަޅާފައި ހުރި މައްސަލައެވެ. އެކަކު ކްރެޑިޓް ކާޑަށް ލޯނު ނުދެއްކި މައްސަލައެވެ. އަނެކަކު ނެގި ލުއި ލޯނެއްގެ މައްސަލައެވެ. އަނެއް މީހާގެ ޕްރޮފެޝަނަލް ލޯނުގެ މައްސަލައެވެ. ދެތިން މީހުން އެކުވެގެން ގެ ނުވަތަ މުދަލެއް ރަހުނުކޮށްފައި ނެގި ލޯނުގެ މައްސަލައެކެވެ.

އިތުރަށް މި މައްސަލަތައް ދިރާސާކޮށްލި އިރު 20 ނުވަތަ 25 ހާސް ރުފިޔާގެ ލޯނު ނެގި މީހާއަށް ހުކުމް ކުރި ދުވަހާ ހަމައަށް ލައްކައިން ދައްކަންޖެހިފައި އޮތެވެ. 2 ނުވަތަ 3 ލައްކައިން ނެގި މީހާއަށް ބައި މިލިއަން ދައްކަންޖެހިފައި އެބައޮތެވެ. ގެ ނުވަތަ މުދާ ރަހުނު ކޮށް މިލިއަނެއް ނެގި މީހާއަށް އެތައް މިލިއަނުން ފައިސާ އަނބުރާ ދައްކަންޖެހިފައި އޮތެވެ.

ބޭންކުތަކުން ލޯނު ދޫކުރުމުގައި ކުރިއަށްވުރެ އެތައް ގޮތަކުން  ފަސޭހަ ލުއި ގޮތްތައް ހަދައި އަދި ކޮންމެ ތަނެއްގައި ހުރެ މާ ބައިވަރު ލިޔެކިޔުންތައް ހުށަނާޅާއި ލޯނު ނެގޭނެ އިންތިޒާމްތައް މިއަދު ވަނީ ހަމަޖައްސާދީފައެވެ. އެހެންނަމަވެސް މި ލޯނުތައް ނަގާ ފަރާތްތަކަށް މި ލޯނުތައް ނަގާ ޝަރުޠުތަކާއި މި ލޯނުތަކަށް ދައްކަންޖެހޭ އިންޓްރެސްޓަކީ ކިހާވަރެއްކަން ލޯނުތައް ނާގާއިރު އެނގޭބާއޭ ހިތަށް އަރައެވެ. އަދާ ކުރާ ވަޒީފާގެ ލިޔުމަށް ބަލައި ދޭ ލޯނަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރީމަނާތައް އެ ވަޒީފާއެއް ގެއްލުނަސް އަދި އެކަން ބޭންކްތަކަށް އެންގިޔަސް ނުހުއްޓޭކަން އެނގެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ.

މިއަދު ދިވެހިރާއްޖޭގެ ގިނަ ބަޔަކު ކަންބޮޑުވަމުންދާ އެއްކަމަކީ ގައުމު ބަނގުރޫޓުވުމުގެ ދިމާލަށް މިސްރާބުޖަހާފައިވާ އަޑުތައް އިވޭތީއެވެ. އެހެންނަމަވެސް، ބޭރު ދަތުރެއް ދާން، އަގު ބޮޑު ފޯނެއް ގަނެލަން، ގެއަށް މޮޅެތި ސާމާނުކޮޅެއް ގަނެލަން ބޭންކުތަކުން އެތައް ގުނަ ބޮޑު އިންޓްރެސްޓުގައި ނަގާ ލޯނުގައި ޖެހި ބަނގުރޫޓް ވެފައިވަނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންހެއްޔެވެ. ކޯޓުތަކުގައި ބޭންކުން ފައިސާ ހޯދަން ހުށަހަޅާފައިހުރި މައްސަލަތަކުގެ އަދަދުތަކަށް ބަލާލުމުން މި ދިވެހިރާއްޖޭގައި މިއިން ލޯނެއްގައި ނުޖެހޭ ހަމަ އެކަކުވެސް އެބަހުރިބާއޭ ހިތަށް އަރައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *