logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ޓްރަމްޕް ހޮވިއްޖެނަމަ އެމެރިކާގެ ވެރިކަން ހިންގުން ހަރުދަނާކުރުމުގައި އީލޯން މަސްކްގެ ފުރިހަމަ ބޭނުން ހިފާނެ

ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ, ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދައި, އެ ތަނުގެ ވެރިޔާގެ މަޤާމަށް މަހުޖަނު އީލޯން މަސްކް ޢައްޔަން ކުރައްވާނެ ކަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފިއެވެ.

އިންތިޚާބުުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ޓްރަމްޕް އެ ކަން ހާމަ ކުރައްވާފައި ވަނީ އޭނާގެ އިޤުތިޞާދީ އެޖެންޑާ ހާމަ ކުރެއްވުމަށް ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައެެވެ.

ނިއު ޔޯކް އިކޮނޮމިކް ކުލަބުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ފާހަގަ ކުރެއްވި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ޓެކުސްތައް ކުޑަ ކުރުމާއި, ބޭރު ޤައުމުތަކުން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުން ހިމެނެއެވެ. އޭނާ ވިދާޅުވީ, އެމެރިކާގައި މުދާ އުފައްދާ ކުންފުނިތަކުން ދައްކަން ޖެހޭ ކޯޕަރޭޓް ޓެކުސް ކުޑަ ކުރައްވާނެ ކަމުގައެވެ. އަދި, މައި ސަރުކާރުގެ ބިންތަކުގައި ޓެކުސް ދަށް ޒޯނުތަކެއް ކަނޑައަޅުއްވައި, އެ ބިންތަކުގައި ޢާންމުންނަށް ބޯހިޔާވަހި ކަމުގެ ޕުރޮގުރާމުތައް ހިންގަން ހުޅުވައިލައްވާނެ ކަމަށާއި, ސޮވެރެން ވެލްތު ފަންޑެއް ގާއިމު ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްޞަ ކޮމިޝަނެއް އުފެއްދެވުމާ ގުޅޭ ގޮތުން ޓްރަމްޕް އޭނާގެ މުޝީރުންނާ މަޝްވަރާ ކުރައްވަން ފައްޓަވާފައި ވަނީ މީގެ ހަފުތާތަކެއް ކުރިންނެވެ. އަދި, މިއީ އެ ފަދަ ކޮމިޝަނެއް ގާއިމު ކުރައްވާނެ ކަން އޭނާ ޢާންމުކޮށް އިޢުލާނު ކުރައްވާފައިވާ ފުރަތަމަ ފަހަރެވެ. މަޝްހޫރު މަހުޖަނު, މަސްކް އެ ކޮމިޝަނުގެ ވެރިޔާގެ މަޤާމާ ހަވާލުވާން އެއްބަސްވެފައިވާ ކަން ވެސް ޓްރަމްޕް އިޢުލާނު ކުރެއްވިއެވެ.

އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ގުޅޭ އިތުރު މަޢުލޫމާތު ޓްރަމްޕް ހާމަ ކުރައްވާފައި ނެތް ނަމަވެސް, އޮޅުވައިލައިގެން ފައިސާ ހޯދާ މައްސަލައާއި ނޭދެވޭ ގޮތުގައި ފައިސާ ދޫކުރެވޭ މައްސަލަތައް ހައްލު ކުރާނެ ރޭވުމެއް އެ ކޮމިޝަނުން ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކުލަވައިލާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. "މުޅި ސަރުކާރުގެ މާލީ ނިޒާމު އޮޑިޓުކޮށް, ފައިސާ ޚަރަދު ކުރަމުންދާ ގޮތް ދެނެގަތުމަށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރާނެ ކޮނިޝަނެއް އަޅުގަނޑު އުފައްދާނަން،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕުގެ ސަރުކާރެއްގައި ޚިދުމަތް ކުރުމަށް ތައްޔާރަށް ހުރި ކަމުގައި, ޓްރަމްޕަށް ފާޅުގައި ކެމްޕޭން ކޮށްދެމުންދާ ޓެސްލާ ކުންފުނީގެ ވެރިޔާ އަދި މަހުޖަނު މަސްކު ދާދި ފަހުން ބުނެފައިވެއެވެ. "އަޅުގަނޑު މިހުރީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ފުރުޞަތެއްގެ އިންތިޒާރުގައި. މުސާރައެއް, މަޤާމެއް އަދި އަގުވަޒަން ކުރުމެއް ވެސް ބޭނުމެއް ނޫން،" މަސްކް, އޭނާގެ ސޯޝަލް މީޑިޔާ މަންސަ, އެކްސް (ކުރިން ޓްވިޓަރ)ގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުންޏެވެ.

މިއީ, އެމެރިކާގައި ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ޒިންމާތައް މަތިކޮށް ކޮމިޝަނެއް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ވެރިކަމުގައި 1981ން 1989އަށް ގްރޭސް ކޮމިޝަންގެ ނަމުގައި އެ ފަދަ ކޮމިޝަނެއް ހިންގިއެވެ. ނަމަވެސް, އެ ކަމަށް އައު ކޮމިޝަނެއް އުފައްދަވަން ނިންމަވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމުން, އެ ކަމަށް މި ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައެވެ.

އެމެރިކާގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޔޫނިއަނެއް ކަމުގައިވާ އެމެރިކަން ފެޑެރޭޝަން ގަވަރމެންޓް އެމްޕްލޯޔީޒްގެ ވެރިޔާ އެވަރެޓް ކެލީ ވިދާޅުވީ, ޓްރަމްޕާއި މަސްކުގެ ފޮރުވިފައިވާ މަޤުޞަދަކީ ސިވިލް ސަރވިސްގައި ވަޒީފާ އަދާ ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަޒީފާއިން ދުރު ކުރުން ކަމުގައެވެ. އަދި, ހުސްވާ މަޤާމުތަކަށް ގާތް މީހުންނާއި ޕާޓީގެ އެކްޓިވިސްޓުން ޢައްޔަން ކުރުން ކަމުގައެވެ. "އެ ކޮމިޝަނަށް ހަރުދަނާ ކުރެވޭނެ ހަމަ އެންމެ ކަމެއް ވެސް ނޯންނާނެ،" ކެލީ ވިދާޅުވިއެވެ.

ޓެކުސްތަކަށް ލުއިދިނުމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކުންފުނިތަކުން ދައްކަން ޖެހޭ ކޯޕަރޭޓް ޓެކުސް 21 އިންސައްތައިން 15 އިންސައްތައަށް ދަށް ކުރައްވާނެ ކަމުގައެވެ. ޓެކުސް ކުޑަ ކޮށްދޭން އޭނާ ހުށަހަޅުއްވާފައި ވަނީ, އެމެރިކާގައި މުދާ އުފައްދާ ކުންފުނިތަކަށެވެ. އަދި, ސަރުކާރުގެ ބިންތަކުގައި ބޯހިޔާވަހި ކަމުގެ ޕުރޮގުރާމުތައް ހިންގުމުގެ ބޭނުމަކީ, އުފުލެމުންދާ ގެދޮރުގެ އަގުތައް ތިރި ކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަ ކުރައްްވާ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސް ވެސް ވަނީ ގެދޮރުގެ އަގުތައް ތިރި ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަން އިޢުލާނު ކުރައްވާފައެވެ. އޭނާގެ ސިޔާސަތަކީ, ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ކޮންމެ މީހަކަށް 25,000 އެމެރިކާ ޑޮލަރު ދޫކުރުމުގެ ކްރެޑިޓް ސްކީމެއް ތަޢާރުފު ކުރެއްވުމެވެ. ނަމަވެސް, ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ ހެރިސްގެ ސިޔާސަތުގެ ސަބަބުން ގެދޮރުގެ އަގުތައް އިތުރަށް އުފުލިގެންދާނެ ކަމަށް ބުނެ, އޭނާއަށް ފާޑު ކިޔާފައެވެ.

އޭގެ އިތުރުން ބޭރު ޤައުމުތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތު ވެސް ޓްރަމްޕް ވަނީ ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ގިނަ ޤައުމުތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އޭނާގެ ސަރުކާރުގެ ސިޔާސަތަކަށް ނުވާނެ ކަމުގައެވެ. ނަމަވެސް, 2017ން 2021އަށް ޓްރަމްޕްގެ ވެރިކަމުގައި ގިނަ ޢަދަދެއްގެ ބޭރު ޤައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, އޭނާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން މިހާރު ވެސް ވަނީ އީރާނާއި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ގޮވައިލަމުންނެވެ.

ހެރިސްގެ އިސް މުޝީރެއް ކަމުގައިވާ ބްޔަރަން ނެލްސަން ވިދާޅުވީ, ޓްރަމްޕް އިޢުލާނު ކުރައްވާފައިވާ އިޤުތިޞާދީ އެޖެންޑާގެ ސަބަބުން އެމެރިކާގެ ދަރަނި ބޮޑުވެ, "ފަޅައިގެންގޮސް" ބޮންސުންލާނެ ކަމުގައެވެ. އަދި, ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި, ގިނަ ޢަދަދެއްގެ ވަޒީފާތައް ނެތިގެންދާނެ ކަމުގައެވެ. އިޤުތިޞާދީ މާހިރުންގެ ވިސްނުން ވެސް ހުރީ މި މަގުންނެވެ. ޓްރަމްޕްގެ އިޤުތިޞާދީ ސިޔާސަތުތަކަށް ގިނަ ޢަދަދެއްގެ ވޯޓުލާ މީހުން ތާޢީދު ކުރާ ކަމަށް ކުރިން ފެނުނު ނަމަވެސް, އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ އެ ތާޢީދު ގެއްލެމުންދާ މަންޒަރެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *