logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ފޯނުން ވާހަކަ ދެއްކުމާ ސިކުނޑީގެ ކެންސަރާ ގުޅުމެއް ނެތް

މޮބައިލް ފޯނު ބޭނުން ކުރުމުގެ ސަބަބުން ސިކުނޑީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވުމުގެ ހިިރާހެއް ނެތް ކަން ދިރާސާއަކުން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ބައިވެރިވުމާ އެކު ހަދާފައިވާ ދިރާސާއަކުންނެވެ. އެ ދިރާސާ ހެދުމަށް ބަލާފައި ވަނީ, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ އެހެން ދިރާސާތަކުގެ ނަތީޖާއަށެވެ.

އެ ދިރާސާގެ ނަތީޖާއިން ހާމަވީ, ވަޔަލެސް ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ޞިއްޙަތަށް އޮތް ހިރާސްތައް އިތުރުވާ ކަމަށް ބެލެވުނު ނަމަވެސް, އެ ފަދަ ވަސީލަތްތައް ބޭނުން ކުރާ މީހުންނަށް ސިކުނޑީގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެފައި ނުވާ ކަމުގައެވެ. އޭގެ ތެރޭގައި, ގިނަ ވަގުތު ފޯން ކޯލުތަކުގައި ހޭދަ ކުރާ މީހުންނާއި, ދަހަރަކަށް ވުރެ ގިނަ ދުވަހު މޮބައިލް ފޯނު ފަދަ ވަސީލަތްތައް ބޭނުން ކޮށްފައިވާ މީހުން ހިމެނޭ ކަމުގައި އެ ދިރާސާއިން ހާމަވިއެވެ.

ޑަބްލިޔުއެޗްއޯގެ ބައިވެރިވުމާ އެކު ހަދާފައިވާ ރިވިއުގައި, 1994ން 2022ވަނަ އަހަރާ ދެމެދު ޝާއިޢު ކޮށްފައިވާ 63 އެހެން ދިރާސާއެއްގެ މަޢުލޫމާތު ބަލާފައިވެއެވެ. މި ދިރާސާގައި ބައިވެރިވި 11 ތަޙުޤީޤު ކުރާ މީހުންނާއި އިދާރާތަކުގެ ތެރޭގައި އޮސްޓްރޭލިޔާ ސަރުކާރުގެ ރޭޑިޔޭޝަން ޕްރޮޓެކްޝަން އޮތޯރިޓީ ވެސް ހިމެނެއެވެ. ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެކަކަކީ ނިއު ޒިލެންޑުގެ ޔުނިވަރސިޓީ އޮފް އޮކްލެންޑުގެ ކެންސަރާ ބެހޭ ދާއިރާގެ މާހިރެއް ކަމުގައިވާ މާކް އެލްވުޑެވެ.

އޭނާ ވިދާޅުވީ, އެ ދިރާސާގެ ދަށުން މޮބައިލް ފޯނާއި ޓީވީ އަދި ބޭބީ މޮނީޓަރު ފަދަ ވަސީލަތްތަކުގައި ބޭނުން ކުރާ ރޭޑިޔޯފްރީކުއެންސީގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެފައިވާނެ ކަމުގައެވެ. "އަޅުގަނޑުމެން ދިރާސާ ކުރި ގިނަ ސުވާލުތަކުން ހިރާސްތައް އިތުރުވެފައިވާ ކަން ފާހަގައެއް ނުކުރެވުނު،" އޭނާ ވިދާޅުވިއެވެ. ރޭޑިޔޯފްރީކުއެންސީގެ ސަބަބުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ ޞިއްޙަތަށް ކުރާ އަސަރުތައް, އަދި ކެންސަރު ޖެހުމުގެ ފުރުޞަތު އޮތް މިންވަރު ދިރާސާގެ ތެރެއިން ދެނެގަނެވިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިއީ, މޮބައިލް ފޯނު ބޭނުން ކުރުމާއި ސިކުނޑީގެ ކެންސަރާ ގުޅުމެއް އޮތްތޯ ބެލުމަށް ހަދާފައިވާ ފުރަތަމަ ދިރާސާއެއް ނޫނެވެ. މޮބައިލް ފޯނުން ބޭރުކުރާ ރޭޑިޔޭޝަންގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމުގައި ޑަބްލިޔުއެޗްއޯގެ އިތުރުން ބައިނަލްއަޤުވާމީ ޞިއްޙީ އިދާރާތަކުން މީގެ ކުރިން ވެސް ބުނެފައިވެއެވެ. ނަމަވެސް, އެ ކަމާ ގުޅޭ އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް އެ އިދާރާތަކުން ޤަބޫލު ކުރެއެވެ.

ކެންސަރުގެ ދިރާސާ ކުރާ އިންޓަރނޭޝަނަލް އޭޖެންސީ ފޯ ރީސަރޗް އޮން ކެންސަރ (އައިއޭއާރްސީ)ން ބުނީ, މޮބައިލް ފޯނުން ބޭރުކުރާ ރޭޑިޔޭޝަނަކީ "ކެންސަރަށް މަގުފަހި ކުރުވާ" އެއްޗެއް ކަމަށް ދެކެން ޖެހޭ ކަމުގައެވެ. އެ އިދާރާއިން އެ ގޮތަށް ކަނޑައަޅާފައި ވަނީ 2011ވަނަ އަހަރުއެވެ. އެ އިދާރާއިން ބުނީ, މިހާރު ހަދާފައިވާ އައު ދިރާސާތަކުގެ އަލީގައި, އެ ކުންފުނީގެ ނިންމުން މުރާޖާ ކުރަން ނިންމާފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ޑަބްލިޔުއެޗްއޯން ހަދާފައިވާ އައު ދިރާސާގެ ފުރިހަމަ މަޢުލޫމާތު އަންނަ އަހަރު ޢާންމު ކުރާނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *