ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތިތޯ ބެލުމަށްޓަކައި "އެމްގެޕް ސެޓިފިކޭޝަން" ގެ ނަމުގައި ދަނޑުތައް އޮޑިޓްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާބެހޭ މިނިސްޓަރ ވިދާޅުވީ، އެމްގެޕް ސެޓިފިކޭޝަން ޕްރޮގްރާމަކީ ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ތަކެތިތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، އެ މަސައްކަތް ކުރުމަށްޓަކައި ބޭރުގެ އޮޑިޓަރުން ގެނެސްގެން ރާއްޖޭގެ ދަނޑުތައް މިހާރު އޮޑިޓް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރަމީލާ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ށ.ގޮއިދޫގެ ދަނޑުތަކެއް އެމްގެޕް ސެޓިފައިކޮށްފައިވާ ކަމަށެވެ.
މި ސެޓްފިކޭޝަން ޕްރޮސެސްއަކީ ގިނަ ދުވަހުން ކުރެވޭ ކަމެއްކަން ފާހަގަކުރައްވައި ރަމީލާ ވިދާޅުވީ ސެޓިފައިކުރާއިރު ބަލާނެ ވަކި މިންގަނޑުތަކެއް ހުންނަ ކަމަށެވެ. މި ސެޓިފިކޭޝަން ގެ ދަށުން ދަނދުތަކާއި ދަނޑުތަކުގައި މަސައްކަތްކުރާ މީހުންގެ ކިބާގައި ވަކި ކަންތައްތަކެއް ފުރިހަމަ ވާންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ދަނޑުގައި މަސައްކަތް ކުރާމީހިން ފުރިހަމަ ކިުރަންޖެހޭ ވަކި ތަމްރީން ޕްރޮގްރާމު ތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދަނޑުތައް ސެޓިފައި ކުރުމުގެ މައިގަނޑު ބޭނުމަކީ ދަނޑުތަކުގައި ހައްދާ ތަކެއްޗަކީ ސިއްހީ ގޮތުން ފައިދާ ހުރި އެއްޗިހީގެ ގޮތުގައި އެކަށައެޅުން ކަމަށާއި، އެގޮތުން ތަކެތި ގަންނަ މީހުންނަށް ވެސް އެއީ ކާން ފައިދާ ހުރި ތަކެތިކަން ޔަގީންކުރެވޭނެތީ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި މިނިސްޓަރ ފާހަގަކުރެއްވި އަނެއްކަމަކީ ރާއްޖޭގައި މުޅިން އަލަށް "އެގްރިކަލްޗާ ސެންސަސް"ގެ ނަމުގައި ސްޓެޓިސްޓިކްސް ބިއުރޯއާ ގުޅިގެން ދަނޑުވެރިކަމާ ގުޅުން ހުރި ތަފާސްހިސާބުތައް އެއްކުރުމުގެ މަސައްކަތް މި މަހު ފެށުމަށް ނިންމާފައިވާކަމެވެ. ތަފްސީލު ދެއްވަމުން އިތުރަށް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗާއި އެތަކެތިން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ފައިދާތައް ބެލެހެއްޓިފައި ނުވާކަމަށެވެ.
އަދި އޭގެ އިތުރުން ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ދިރާސާކުރުމާއި، ޖަނަވާރާއި ގަސްތައް އެތެރެކުރާއިރު ބަލަންޖެހޭ މިންގަނޑުތައް އެކުލަވާލުމުގެ އެއްބަސްވުމެއް ގައި ޗައިނާ ސަރުކާރާއެކު މިހާރު އެއްބަސްވުމެއްވެސް ހަދާފައިވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.