ރައީސް ޔާމީން އަބްދުލްގައްޔޫމަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބުކޮށްދެއްވީ އަބްދުއްްރަހީމް (އަދުރޭ) ކަމަށް ދަރިފުޅު ފައިސަލް އިބްރާހިމް ވިދާޅުވުމުން އަދުރޭ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމް ކައިރީގައި ކަމަށާއި އެއްވެސް ހާލަތެއްގައި ރައީސް ޔާމީނަށް އިންތިޚާބް ކާމިޔާބު ކޮށްދެއްވީ އަދުރޭ ނޫންކަމަށް ފާހަގަކުރައްވާ ފައިސަލަށް ރައީސް ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރުގައި ވަރަށް ބޮޑު ތަފާތަކުން ކުރީގައި އޮންނެވީ ރައީސް ނަޝީދު ކަމަށެވެ. ދެވަނަ އަށް ރައީސް ޔާމީން ތިން ވަނަ އަށް ގާސިމް އަދި ހަތަރު ވަނައަށް ރައީސް ވަހީދު އޮންނެވި ކަމަށާއި ވޯޓުގެ ތަފާތަކަށް އުޅުނީ ރައީސް ޔާމީން 63،000 ގާސިމް 61،000 ގައި ކަމަށެވެ.
ފައިސާ ނެތިގެން ރައީސް ޔާމީނަށް ތާއިދުނުކޮށް ގާސިމަށް ތާއިދުކުރަން ބުނި ކަމަށްް އަދުރޭ ވިދާޅުވި ވާހަކަ އޭރު ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅަކަށް އަޑުއިވިފައިވާ ކަމަށާއި އެކަން ރައީސް ޔާމީނާ ހަމަޔަށް އައީ ދޮގު ނުކުރެވޭ ވަރުގެ މީހެއްގެ ފަރާތުން ކަމަށާއި އަދުރޭއަކަށް އެ ވާހަކަ ދޮގެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
“އެހެންވީމާ އަބްދުއްރަހީމް އޭރު ޕީޕީއެމް ތެރޭގައި ހުންނެވިޔަސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ އަޅުގަނޑާއެކުގައި ނޫން. ޕީޕީއެމްގެ ފުރަތަމަ އިންތިޚާބްގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައިގެން ނާކާމިޔާބު ވުމުން އަބްދުއްރަހީމް ފުރައިގެން ދިޔައީ މެލޭޝިއާއަށް، ގޮަސް އައީ ރައީސް މައުމޫން ގުޅައިގެން އަންނަން އާދޭސްކުރީމަ.” ރައީސް ޔާމީން ވިދާޅުވިއެވެ.
އޭރު އަދުރޭ 2013 ގައި ހުރީ ރައީސް ޔާމީން ހޮވޭތީއެއް ނޫންކަމަށާއި އަދުރޭ ގާސިމް ކައިރީ މަސައްކަތްކޮށްގެން، ގާސިމް ކެޓީމާ ޕީޕީއެމްއަށް އެނބުރި އައިސް މަސައްކަތް ކުރަންފެށި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަދުރޭ އަކީ މާގިނަ ސިޔާސީ މަސައްކަތެއްކޮށްގެން ރައީސް ޔާމީނަށް ގޮނޑި ކާމިޔާބުކޮށްދެއްވި މީހެއްކަމަށް އަދުރޭގެ ދަރި ފައިސަލަށް ހީވަންޏާ ދެން ޖެހޭނީ މިކަހަލަ ކަންކަމުގެ ހަގީގަތް އޮޅުންފިލުވައިދޭން ކަމަށް ވިދާލުވެ ރައީސް ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ދުވަސްވަރު ކަންނ ހިނަގައި ދިޔަގޮތުގެ ވާހަކަ ދައްކަވާފައެވެ.
އަދި މިކަހަލަ ވާހަކަ ހުންނަވަނީ ނުދައްކަން ކަމަށާއި އެއީ އެވާހަކަތަކަކީ މާޒީކަމުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.