ޑޮނަލްޑް ޓްރަންޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޑިކް ޗޭނީ ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ރިޔަސީ ކެންޑިޑޭޓް ކަމްލާ ހެރިސް އަށް ތާއިދު ކުރާކަން އިއުލާން ކޮށްފައެވެ.
ޗޭނީގެ މި ނިންމުން ގުޅިފައިވަނީ 2020 ގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިހާބު ގަޑުބަޑުކޮށްލަން ޓްރަމްޕް މަސައްކަތްކޮށްފައިވަތީކަން އޭނާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޗޭނީ ބުނެފައިވަނީ ޓްރަމްއަކީ އަލުން އެމިރިކާގެ ވެރިކަމުގެ ބާރުތައް ހަވާލުކުރަން އިތުބާރު ކުރެވޭ ވަރުގެ މީހެއް ނޫންކަމަވެ.
ޗޭނީގެ ސްޓޭޓްމަންޓްގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ 248 އަހަރުވީ ދިގުތާރީހުގައި އެގައުމަށް ފަރުދެއްގެ ފަރާތުން އެންމެ ބޮޑެތި ގެއްލުންތަކެއް ދިން މީހަކީ ޓްރަމްޕްކަމުގައެވެ. އަދި ޓްރަމްޕްވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން އޭނާ އަށް ނޫނެކޭ ބުނުމުން އެތައް ހަމަނުޖެހުމަކާއި ދޮގުތައް ހަދައި އިންތިހާބު ވަގަށްނެގުމަށް މަސައްކަތް ކޮށްފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.