ނުރައްކާތެރި އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވޭނެ ޚާއްޞަ ވެކްސިނަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހުއްދަ ދީފިއެވެ.
ބެވޭރިޔަން ނޯޑިކް ކުންފުނިން އުފައްދާފައިވާ ވެކްސިނަށް ޑަބްލިޔުއެޗްއޯން ދީފައި ވަނީ ޕްރީކޮލިފިކޭޝަން ހުއްދައެކެވެ. މާނައަކީ, އެއީ ރައްކާތެރި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއް ކަން އެ އިދާރާއިން ބަލައިގަނެފައިވުމެވެ.
ސިއްހީ ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޚާއްޞަ ކޮށްފައިވާ ވެކްސިނަކަށް ޑަބްލިޔުއެޗްއޯއިން ހުއްދަ ދީފައި މި ވަނީ, އެފްރިކާބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އޮގަސްޓު މަހުގެ ކުރީކޮޅު ޑަބްލިޔުއެޗްއޯން ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ.
މި ވަގުތު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. 2023 ޖަނަވަރީން ފެށިގެން ކޮންގޯގައި ބަލި ފެތުރެމުންދާއިރު, އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކުން ވެސް ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. މި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ އިތުރު ޤައުމުތަކުގެ ތެރޭގައި މަޣުރިބާއި އިންޑިޔާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ އިތުރުން ތައިލެންޑާއި ސްވިޑެން ހިމެނެއެވެ.