ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް"އަށް ހުށައަޅާފައިވާ 500 މައްސަލަ މިވަގުތުވެސް ބަލަމުން ދާކަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ބިދޭސީންނާ ގުޅޭ އެހެނިހެން މައްސަލަތައްވެސް ރިޕޯޓްކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޕްލެޓްފޯމެއް ތަޢާރަފުކުރީ މިއަހަރުގެ ޖުލައިމަހުގެ 17ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ސަރުކާރުން ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމުކުރި އެންމެ ހަރުދަނާ އެއް ނިޒާމެވެ.
"އިމިގްރޭޝަން ވޮޗް" ޤާއިމުކޮށް ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ބިދޭސީންނާ ގުޅޭ 626 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.
އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތްތަކުގެތެރެއިން އެންމެ ބޮޑު މަސައްކަތަކީ، މި ނިޒާމުގެތެރެއިން ހުށައަޅާ މައްސަލަތަކާ ގުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނަށް އިމިގްރޭޝަންގެ އޮފިސަރުން ގޮސް އެ ތަންތަން ބަލާ ފާސްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއި ރެއިޑްތަކެވެ. މިގޮތަށް ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދިޔަ އަދި ވިޔަފާރިކުރަމުންދިޔަ 266 ތަނެއް ރެއިޑްކޮށްފައިވެއެވެ.
އިމިގްރޭޝަނުން މިހާތަނަށް ވަނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3542 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައެވެ. މީގެތެރޭގައި ގިނައީ ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ. އަދި އަމިއްލަ މަންފާ ހޯދުމަށް ތަފާތު ވިޔަފާރިތައް ހިންގަމުން ދިޔަ ގިނަ ބިދޭސީންތަކެއްވެސް ހިމެނެއެވެ.