ޗައިނާ އަށް 1949 ވަނަ އަހަރުގެ ފަހުން އެރި އެއްމެ ބާރުގަދަ ތޫފާން އެގައުމުގެ ޝަންހާއީ އަށް އަރައިފިއެވެ.
މި ތޫފާން އެރުމުގެ ކުރިން އެ ގައުމުން ވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ 4 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގިޮސްފައެވެ.
ތޫފާން ޝަންހާއީއަށް އެރިއިރު ތޫފާނުގެ ވައިގެ ބާރުމިން ހުރީ ގައިޑިއަކު 94 މެއިލް ބާރުމިނުގައެވެ. ތޫފާން އެސަރަހައްދަށް އެރުމާއެކު ބޯކޮށްވާރޭވެހި އެ ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ދިއުމާއެކު އުސް ހިސާބުތަކުން ބިންގަނޑު ކަހާލުންފަދަ ބޮޑެތި ހާދިސާތައް ވަނީ ހިނގާފައެވެ.
މި ތޫފާނާ ގުޅިގެން ޝަންހާއީގެ އަވަށްޓެރި ޕްރޮވިންސްތަކުގައި ފްލައިޓްތަކާއި ފެރީއަދި ރޭލު ދަތުރުތައް މެދުކަނޑާލާފައިވާއިރު، ޗައިނާގެ ތިން ދުވަހުގެ މިޑް އޯޓަމް ފެސްޓިވަލްގައި ދަތުރުފަތުރަށް ވަނީ މި ތޫފާނުގެ ސަބަބުންބުރޫ އަރާފައެވެ.
ޝަންހާއީގެ އެއާޕޯޓުތަކުން އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، ޝަންހާއީގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 170 ކިލޯމީޓަރު ދުރުގައި އޮންނަ ހަންގްޒޫގައި ވެސް 180 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ނިންމުމާމެދު މަޝްވަރާކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝަންހާއީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 60،000 އަށް ވުރެ ގިނަ އިމަޖެންސީ ރެސްޕޮންޑަރުންނާއި އަލިފާން ނިއްވާ ފަރާތްތައް ޙަރަކާތްތެރިވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާއިރު، ހޯމަ ދުވަހާ ހަމައަށް 414،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.
25 މިލިއަން މީހުން ދިރިއުޅޭ ޝަންހާއީއަށް ބާރުގަދަ ތޫފާން އެރުމަކީ ވަރަށް މަދުން ނޫނީ ހިނގާކަމެއްކަމަކަށް ނުވެއެވެ. އާއްމު ގޮތެއްގައި ޗައިނާގެ ދެކުނުގެ ސަރަހައްދަށް ތޫފާންތައް އަރަނީ ވަރަށް މަދުންނެވެ.
ޗައިނާގެ ދެކުނުގެ ހައިނާން އައިލެންޑަށް މި މަހުގެ ކުރީކޮޅު އައި ތޫފާން ޔާކީގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މިޔަންމާގައި ޔާކީގެ ސަބަބުން 74 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ. ހައިނާންއިން ހަތަރު މީހަކު، ތައިލެންޑުން 10 މީހުން އަދި ފިލިޕީންސުން 20 މީހަކު ވަނީ މަރުވެފަ އެވެ.