އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން ލަސްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތާ ގުޅޭގޮތުން އޭނާ ވާހަކަދެއްކެވުމަކީ އެހައި "މުނާސަބު ކަމަކަށް ނުވެދާނެ،" ކަމަށެވެ.
ނަމަވެސް, އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެކަން ލަސްވެފައިވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެއީ ރައްޔިތުންގެ މަޖިލީހުގައި އޮތް އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންތައްތައް ކުރިއަށް ދާނީ، އެހެން ނޫންތޯ؟" ޝަހީމް ވިދާޅުވި އެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ޖޫން 2، 2024، ގައި ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. ނަމަވެސް އޯގަސްޓު 22، ގައި މަޖިލިސް ޗުއްޓީއަށް ދިޔައީ އެ ނިންމުމަށް ގާނޫނީ ބާރުވެރިކަމެއް ނުގެނެހެވެ.
ކެބިނެޓުގެ ނިންމަށްފަހު އޮގަސްޓު މަހުގެ ނިޔަލަށް އިޒްރޭލުގެ 313 ފަތުރުވެރިޔަކު ރާއްޖެއަށް އައިސްފައިވެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިދިޔަ 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ރައީސް ކުރެއްވި މަސައްކަތްތަކާ މެދު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ކަންކަމުގެ އަގު ވެސް ވަޒަން ކުރައްވާ ކަމަށެވެ.