ރާއްޖޭގައި ބާއްވާ ފުރަތަމަ އިމާމުންގެ މަހާސިންތާ މިއަދު އިސްލާމީ މަރުކަޒުގެ ހޯމލުގައި ފަށައިފިއެވެ.
އިމާމުންނަށް ދިމާވާ ގޮންޖެހުންތަކާއި އަދި އިދާރީގޮތުން ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި މަހާސިންތާގައި 388 އިމާމުން ބައިވެރިވިއިރު އޮންލައިންކޮށް ވެސް އިމާމުން ދަނީ ބައިވެރިވަމުންނެވެ.
މަހާސިންތާ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އިމާމުކަމުގެ ވަޒީފާއަކީ މުސާރައެއް ލިބޭ ވަޒީފާއަކަށް ވީ ނަމަވެސް ވަޒީފާ އަދާކުރަން ޖެހޭނީ ﷲ އަށްޓަކައި ކަމުގަ އެވެ. އަދި އިމާމުންނަކީ މުޖުތަމައުއެއް ބިނާކުރުމަށް މުހިންމު ރޯލެއް އަދާކުރާ ބައެއްކަމަށާއި، އިމާމުކަމުގެ ވަޒީފާއަކީ ވަރަށް މަތިވެރި އަދި އެ މަގާމު އުންމަތުގެ ހުރިހާ ހަލީފާއިންނާއި އިމާމުން ވެސް އަދާކުރެއްވި މަގާމެއްކަމަށެވެ.
މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމައުއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އިމާމުންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
1 ސެޝަނަކަށް ބާހަލައިގެން މިއަދު ކުރިއަށްގެންދާ މަހާސިންތާގައި ފުރަތަމަ ސެޝަންގައި އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރާ ބެހޭގޮތުން ތަގްރީރުކުރެއވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ދެވަނަ ސެޝަންގައި އިމާމުންގެ މާތްކަމާއި އަޚުލާޤާއި ގުޅޭގޮތުން ތަގްރީރު ކުރެއވުމަށް ހަމަޖެހިފައިވަނީ ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފު އެވެ.