ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅުނު 30 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފި އެވެ.
ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގައި ތިބި އެންމެ ފަހުގެ ބެޗް ޑިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.
“މި ފިޔަވަޅަކީ އިމިގްރޭޝަންގެ ގާނޫނުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާ ފިޔަވަޅެއް. އަޅުގަނޑުމެން ލަފާދެނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން މި ގަވާއިދުތަކަށް ތަބާވުމަށް،” އެ އިދާރާއިން ބުންޏެވެ.
ނަމަވެސް ޑިޕޯޓް ކުރި މީހުންގެ ގައުމުތަކެއް އެ އިދާރާއިން ހާމަކޮށްފައި ނުވެ އެވެ.
މީގެ އިތުރުން އިމިގްރޭޝަނުން އިއްޔެ ވަނީ މާލެ ސިޓީގައި ތޮއްޖެހިފައިވާ އަދި ރައްކާތެރި ނޫން އެކޮމޮޑޭޝަން ބްލޮކެއް ރެއިޑް ކޮށްފަ އެވެ.
އިމިގްރޭޝަނުން އިއްޔެ ރެއިޑްކޮށްފައިވަނީ މާލެ ހެންވޭރު އަވަށުގެ ކަޅުހުރާގޭގަ އެވެ. މިތަނަކީ ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ ތަނެއްކަން އިމިގްރޭޝަނުން ފާހަގަކުރި އެވެ. އެ ރެއިޑްގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ނުވަ މީހަކު ބަންދުކޮށްފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި މީގެ ތެރޭގައި ވަޒީފާދޭ ފަރާތްތަކަށް ފިލައިގެން އުޅޭ ހަ ބިދޭސީން ހިމެނެ އެވެ.