އިގްތިސާދީ ހީނަރުކަން ކުރިމަތިވެ ގައުމު ބަނގުރޫޓުވި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ޖަނަތަ ވިމުކްތީ ޕެރެމޫނާ (ޖޭވީޕީ) ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސާނަޔަކެ ކާމިޔާބުކޮށްފިއެވެ.
އަނޫރާ ކުމާރަ ޑިސެނަޔަކެ ވަނީ ސްރީލަންކާގެ ވަރުގަދަ ސިޔާސީލީޑަރުންނާ ވާދަކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯއްދަވާފައެވެ. ޖަނަތަ ވިމުކްތީ ޕެރެމޫނާ ޕާޓީއަކީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 3 ގޮނޑިއެއް ތަމްސީލުކުރާ ޕާޓީއެކެވެ. އޭގެތެރެއިން ޑިސާނަޔަކެ އަކީ ކޮލްމްބޯ ޑިސްޓްރިކްޓް ތަންސީލުކުރާ މަޖިލިސްމެންބަރުވެސް މެއެވެ.
މިފަހަރުގެ އިންތިހާބުގައި ސްރީލަންކާގެ 17 މިލިއަން މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާއިރު އޭގެތެރެއިން 76 ޕަސެންޓް މީހުން ވޯޓު ލާފައި ވެއެވެ.
މިހާތަނަށް ގުނިފައިވާ ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް ޑިސާނަޔަކެ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ޕޯސްޓަލް ވޯޓުގެ 50 ޕަސެންޓް ލިބިލެއްވި ކެންޑިޑޭޓުން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު އޭކޭޑީގެ ގޮތުގައި މަޝްހޫރު ޑިސާނަޔަކެ އޮތީ 53 ޕަސެންޓަށްވުރެ މަތީގަ އެވެ. ދެ ވަނަ އަށް އޮތް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިފައިވަނީ 20 ޕަސެންޓެވެ. އަދި ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ 18 ޕަސެންޓް ވޯޓާ އެކު ތިންވަނައިގައިއެވެ. އަދި މި އިންތިހާބުގައި ވާދަކުރި ސްރީލަންކާގެ ކުރީގެ ރައީސް ގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ އަށް ލިބިފައިވަނީ މިހާތަނަށް ގުނުނު ވޯޓްގެ 1 ޕަސެންޓް އެވެ.
ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 55 އަހަރުގެ ޑިސާނަޔަކެ އަށް ކުއްލި މަގުބޫލުކަމެއް ލިބިވަޑައިގަތީ އިންތިހާބުގެ ރެލީތަކުގައި އެމަނިކުފާނު ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި ފަގީރުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރެއްވުމަށް ވެޑައިގެންނެވި ވައުދުތަކުގެ ސަބަބުންނެވެ.
މިފަހަރުގެ އިންތިހާބުގައި 2 ވަނަ ހޯދާފައިވާ ޕްރެމަދާސަ އަކީ ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަކުރި ޓައިގަރުންގެ ހަމަލާއެއްގައި އަވަހަރާކޮށްލި ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލުންނެވެ. އިންތިހާބުގައި 3 ވަނަ ހޯދާފައިވާ މިހާރުގެ ރައީސް ރަނިލް އަކީ ކުރިން ސްރީލަންކާގެ ރައީސްކަމާއި ބޮޑުވަޒީރުކަން ކޮށްފައިވާ ޖަޔަވަރްދަނާ އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި އިންތިހާބުގެ 5 ވަނަ ލިބިވަޑައިގެންނެވި ނަމާލް ރާޖަ ޕަކްސާ އަކީ ސްރީލަންކާގައި 2 ފަހަރު ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ.
ސްރީ ލަންކާގެ ވޯޓު ލުމުގެ ނިޒާމު އޮންނަ ގޮތުން އިންތިހާބު ކާމިޔާބުވާނީ 50 ނުވަތަ އެއަށްވުރެ މަތިން ވޯޓް ހޯއްދަވާ ކެނޑިޑޭޓެކެވެ. އެގައުމުގައި އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައި އިންނަ ގޮތުން ކޮންމެ ރައްޔިތަކަށްވެސް އެމީހަކަށް ކަމުދާ 3 ކެނޑިޑޭއްގެ ނަމުގައި ފާހަގަ ޖެހޭނެއެވެ.އެ ގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ، ދެން އޮންނާނީ އެންމެ ތާއީދު ބޮޑު ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިހާބު ބޭއްވުމެވެ.