މިއަހަރުގެ މިހާތަނަށް އެއާޕޯޓް ޓެކްސް އާއި ފީގެ ގޮތުގައި 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އިން ދައުލަތަށް 98 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ.
އޭގެ ތެރެއިން ޑިޕާޗާ ޓެކްސްގެ ގޮތުގައި 674 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 693 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 143 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު ޑިޕޭޗާ ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފް އިން އެއް ބިލިއަން ރުފިޔާ ލިބޭނެ އެވެ.
އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ތައާރަފްކުރި ޑިޕާޗާ ޓެކްސްގެ ދަށުން ޓްރާންސިޓް ފަސިންޖަރުންނާއި ދެ އަހަރުން ދަށުގެ ކުދިން ފިޔަވައި ފުރާ ހުރިހާ ފަސިންޖަރުން އަތުން އެއާޕޯޓަށް ޓެކްސް ނެގޭނެ އެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ހުރިހާ ފަސިންޖަރުންގެ އަތުން އޭޑީއެފްގެ ފައިސާ ނަގާއިރު، އޭގެއިންވެސް ޓްރާންސިޓް ފަސިންޖަރުންނާއި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަސިންޖަރުން އިސްތިސްނާ ވެއެވެ.