މަތީތައުލީމު ހާސިލްކުރުމަށް ކޮލެޖް ޔުނިވާސިޓީތަކުން ހިންގާ ކޯސް ތަކުގެ އިމްތިހާނުތަކަކުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ މަތީ ތައުލީމުގެ ހުރިހާ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާ ގޮތް ހެދުމަށް ނިންމާފައިވަނީ ، ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ފާސްވުމަށްޓަކައި އެސައިމަންޓަށް މިހާރު %40 އިން ފެށިގެން %70 އާ ހަމަޔަށް މާކްސްދޭއިރު، ބައެއް ޕްރޮގްރާމް ތަކުގައި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސައިންމަންޓުން ކުއްޖާ ފާސްވާ ގޮތައްވެސް ކޯސްތައް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދާކަމަށެވެ.
އެ ގޮތަށް އެކަން އޮތުމުން އެސެސްމަންޓްތައް މީހުންލައްވާ ހަދުވާ ކަމަށާއި އަދި އެސެސްމަންޓް ގަނެގެންވެސް ހުށަހަޅާކަމަށެވެ. އެހެންކަމުން އެ ގެނެވޭ ބަދަލާއެކު އެސެސްމަންޓް ގަތުމާއި މީސްމީހުން ލައްވައި އެސެސްމަންޓް ހެދައިގެން ދެން ކޯހުން ފާސްނުވާނެކަމަށެވެ.
އެސެސްމަންޓަށް ބޭސްކޮށް ފާސްވާ ފަސެންޓޭޖް މަތިކޮށް އޮތުމުން ފެންވަރުނެތް ދަރިވަރުން ފާސްވުމުގެ ފުރުސަތު އޮންނަކަމަށާއި އެކަންވެސް އެ ގެނެވޭ ބަދަލުގެ ސަބަބުން ހަނިކުރެވިގެންދާނެކަމަށް ފިޒާނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފިޒާނާ ވިދާޅުވީ ކޯސްތަކުގައި ހަވާލުކުރެވޭ އެސައިންމަންޓުތައް އެހެންމީހުން ލައްވާ ތައްޔާރުކުރުމަކީ މައްސަލައެއް ކަމަށާއި އުސޫލުތަކަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން ދަރިވަރުންގެ މައުލީމީ ފެންވަރު ރަނގަޅުވެ ގަވައިދާ ޚިލާފަށް މިހާރު ހިންގާކަންކަން ހައްލުކުރެވި، އެސައިންމަންޓު މީހުންލައްވައި ހެދުމާއި ވަގު ސެޓްފިކެޓްތަކުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ފިޒާނާ ވިދާޅުވީ އެ ބަދަލަކީ މަތީތައުލީމު ފޯރުކޮށްދޭ އިންސްޓްތިއުޓްތަކުގެ ވެރިނަނާ މަޝްވަރާކުރުމަށްފަހު ގެންނަން ނިންމާފައިވާ ބަދަލެއް ކަމަށެވެ. އެހެންކަމުން އެބަދަލު ގެޒެޓްކުރެވި ވަރަށް އަވަހަށް އަމަލުކުރަންފަށާނެކަމަށްވެސް ފިޒާނާ ވިސާޅުވިއެވެ.