logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

އެމެރިކާއިން އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ

ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ވާގިވެރިވުމުގެ ގޮތުން 8.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޮނުވަން އެމެރިކާއިން ނިންމައިފިއެވެ. ޒަޔަނިސްޓު ދައުލަތުން އެ ކަން ހާމަކޮށްފައި ވަނީ, ޢުދުވާންތައް މެދުކަނޑައިލަން އެމެރިކާއިން ނަމެއްގައި ގޮވައިލައި, ދުނިޔޭގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ދިފާޢީ ވުޒާރާއިން ބުނީ, އެމެރިކާއިން ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ހިމެނޭ ކަމުގައެވެ. އެއީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތައްދީ, ވީހާވެސް ގިނަ ޢަދަދެއްްގެ މުސްލިމުންގެ ލޭއޮހޮރުވައިލަން ބޭނުން ކުރާނެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެވެ. އޭގެ އިތުރުން, މުޖާހިދުންގެ ޖިހާދީ ޙަމަލާތަކުން ރައްކާތެރިވުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރާ އަޔަން ޑޯމާއި ޑޭވިޑްސް ސްލިންގ ވައިގެ ދިފާޢީ ނިޒާމުތަކުގެ އިތުރުން ޒަމާނީ ލޭޒަރ ސިސްޓަމެއް ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. އެ ތަކެތީގެ އަގު 5.2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 41,534އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,092އަށް އުފުލިފައެވެ. މިއީ, ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް, ޙަމާސް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ފަށާފައިވާ ޤަތުލުޢާންމެކެވެ.

ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކުގައި 500އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު, މިއަދާ ހަމައަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 700އަށް އުފުލިފައެވެ. އޭގެ ތެރޭގައި ވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ޔަހޫދީ ފައުޖުން މި ޢުދުވާން ފަށާފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ނައްތައިލުމުގެ ނަމުގައެވެ.

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެމެރިކާއިން ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމުތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. ޢުދުވާންތައް މެދުކަނޑައިލަން އެމެރިކާއިން ނަމެއްގައި ގޮވައިލަމުން ދިޔަ ނަމަވެސް, އަނެއް ފުށުން އެމެރިކާގެ ޙަޤީޤީ ސޫރަ ދަނީ ހާމަވަމުންނެވެ. މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށް ތާޢީދު ކުރާ ކަން ދަނީ ސާފުވަމުންނެވެ.

ޔަހޫދީންނަށް އިތުރު އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވަން އެމެރިކާއިން ނިންމުމުން "އިސްރާއީލާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ ގުޅުންތައް ހާމަވެގެންދޭ, އަދި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެމެރިކާއިން ދޭ އިސްކަން ހާމަވެގެންދޭ،" ޒަޔަނިސްޓު ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޢުދުވާންތަކާ ގުޅިގެން ޔަހޫދީންނަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު މެދުއިރުމަތީގެ ބާރުތަކުން ދިނުމާ ގުޅިގެން އެމެރިކާއިން ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި, މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ޖަމާކުރުން ހިމެނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *