އިންޑިއާގެ ބިހާރުގައި ހިންދޫންގެ ދީނީ މުނާސަބާއެއްް ފާހަގަކުރަމުން ދަނިކޮށް 37 ކުޑަކުދިންނާއި ހަތް އަންހެނުން ހިމެނޭ ގޮތަށް 46 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ޑިޒާސްޓަރ މެނޭޖްމަންޓްގެ އޮފިޝަލަކު ބުނެފައިވަނީ އެމީހުން މަރުވެފައިވަނީ އަޅުކަމެއްގެ ގޮތުގައި ކޯރުން ފެންވެރުމަށް ފައިބާ އުޅެނިކޮސްކަމަށާއި އެކަން އެގޮތަށް ހިނގަން މެދުވެރިވީ ދާދި ފަހުން ކުރި ވިއްސާރާގައި ކޯރުގެ ފެންގަނޑު މާބޯޑަށް އުފުލިފައިވާތީ ކަމަށެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޖިވިތުޕުތުރިކާ ފެސްޓިވަލްއަކީ ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުޅަހެޔޮކަމަށްޓަކައި ފާހަގަކުރާ ފެސްޓިވަލެކެވެ އެ ފެސްޓިވަލްގައި އެކުދިންނަށް ޓަކައި މައިން ނުކައި ބަނދުހައިހޫނުކަން ތަހައްމަލުކުރުންވެސް އޮވެއެވެ.
ބިހާރުގެ އޮފިޝަލުން ބުނެފައިވަނީ ފެސްޓިވަލްގައި ކޯރަށް ފެންވަރަން ފައިބާ މީހުން ކޯރުގައި ދިމާވެދާނެ ނުރައްކާތެރިކަމަކަކާމެދު ފަރުވާލެއް ނުބަހައްޓާކަމަށާއި އެހެންކަމުން މަރުވާ މީހުންގެ އަދަދު މައްޗަށް ދިއުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ.
އެ ހާދިސާއާއި ގުޅިގެން ބިހާރުގެ ސަރުކާރުންވަނީ ބަދަލުދޭނެކަމަށް ބުނެފައެވެ. އެގޮތުން މަރުވި މީހުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 4 ލައްކަ ރުޕީސް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް މިފަދަ ދީނީ ބޮޑެތި ފެސްޓިވަލްތަކުގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާއެވެ. އެގޮތުން މިދިޔަ ޖުލައި މަހު އުއްތަރަ ޕްރަދޭޝްގެ އުތުރުގެ ސްޓޭޓެއްގައި ބޭއްވި ދީނީ އެއްވުމެއްގައި ހިނގި ހަމަނުޖެހުންތަކުގައި 121 މީހުން ވަނީ މަރުވެފަ އެވެ. އަދި 2018 ވަނަ އަހަރު ހިންދޫންގެ ފެސްޓިވަލެއް ކަމަށްވާ ދުޝޭރާގެ ހަފްލާތައް ބަލަން ތިބި މީހުންގެ ގައިގައި ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގާތްގަނޑަކަށް 60 މީހުން ވަނީ މަރުވެފަ އެވެ.