ސިނަމާލެ ބްރިޖުގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވައިފި ނަމަ ވަގުތުން ދެނެގަނެ، ޖޫރިމަނާ ކުރެވޭނީ ގާނޫނު އިސްލާހު ކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.
އޮކްޓޯބަރު 15، 2023 އިން ފެށިގެން ފުލުހުން ވަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް މެދުވެރިކޮށް ވެހިކަލް މޮނިޓާ ކުރަން ފަށައިފަ އެވެ.
ބްރިޖުގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވައިފި ނަމަ ނުވަތަ ގަވައިދާ ހިލާފަށް ލޭން ބަދަލު ކޮށްފި ނަމަ އެ އުޅަނދެއްގެ ވެރިފަރާތަށް މެސެޖެއް ފޮނުވަ އެވެ.
އެ ހިދުމަތް ފަށާފައި ވަނީ ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައެއް އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ގަވައިދާ ހިލާފަށް ދުއްވާ އުޅަނދުތައް ވަގުތުން ޖޫރިމަނާ ކުރެވޭ ގޮތަށް ހެދުމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ފަރާތެއް އެގޮތަށް ޖޫރިމަނާއެއް ނުކުރެ އެވެ.