logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ބީއެމްއެލްގެ ކަސްޓަމަރެއްގެ އެކައުންޓުން ފައިސާނެގި ކަމަށް އިއުތިރާފުވި މުވައްޒަފަށް ހުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާ, ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އެވެ. އެ ދައުވާ މާޒިންގެ މައްޗަށް ކޮށްފައިވަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގަ އެވެ.

ހުކުމުގައި ބުނެފައިވަނީ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

13 މީހެއްގެ އެކައުންޓުން ޖުމްލަ 482611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާއިންނެވެ.

ދައުވާއަށް އިއުތިރާފުވުމާއެކު ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެ ކުށަކީ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަސްލު އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމާއެކު އަދަބު 9 މަހާއި 18 ދުވަހަށް ބަދަލު އަންނާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޖަލު އަދަބު, 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56,200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރެވޭ ގޮތަށް ޕީޖީއާއެކު އެއްބަސްވެފައިވެ އެވެ. އަދި ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *