ސިޔާސީ ކަންކަމަށް މީހުން ތަމްރީނު ކުރުމަށްޓަކައި އެމްޑީޕީން އެކެޑެމީއެއް އުފެއްދުމަށް ނިންމައިފި އެވެ.
އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ޕޮލިޓިކަލް އެކަޑަމީއެއް ހެދުމުގެ ބޭނުމަކީ ސިޔާސީ މައިދާނަށް ނިކުމެތިއްބެވި ބޭފުޅުންނާއި ކުރިއަށް އޮތްތަކުގައި ނިކުންނަވަން ތިއްބެވި ފަރާތްތަކަށް ރާއްޖޭގެ ސިޔާސީ ކަންކަން ފހުމުކޮސްދިނުން ކަމަށާއި ބޭނުމަކީ ސިޔާސީ ދާއިރާއަށް ނިކުންނަ ފަރާތްތަކުން އެކަމުގެ މައުލޫމާތު ލިބި އެކަމަށް ތައްޔާރުވެގެން ނިކުންނަ ބަޔަކަށް ވުން ކަމުގައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެ އެކަޑަމީ އަކީ ކަމާބެހޭ މުވައްސަސާތަކުގެ އެޕްރޫވަލް ލިބިގެން ހިންގޭ މުވައްސަސާއަކަށް ހެއްދެވުމަށްވެސް ބޭނުންވާ ކަމަށާއި، އެފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަކީ ސިޔާސީ ޕާޓީތަކުން އެފަދަ ކަންކަން ކުރުމާމެދު ގާނޫނުގައި ކަންކަން ސާފުވާން ނެތުން ކަމަށެވެ.