ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ހަބަކަަށް ނިއުދިއްލީ ހަދަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައި ވިދާޅުވީ ރައީސް ވިދާޅުވީ ރާއްޖޭގެ ހައިކޮމިޝަނެއް ދިއްލީގައި ހުރުމުން ފަސޭހަތަކެއް ވާންޖެހޭނެ ކަމަށެވެ.
އެހެންކަމުން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން އަންގަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އެކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި ކުރިއަށް އޮތް ތާނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޑިއާގެ ވިޔަފާރިވެރިންނަށް ދެ ގައުމުގެ ދޭތެރޭފައި އެކްސްޗޭންޖް ގިނަކުރުމަށްޓަކައި ވިޔަފާރިއާއި އެހެނިހެން ގޮތްގޮތުން މިތަނަކީ މުހިންމު ހަބެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުން. ޓޫރިޒަމްގެ ދާއިރާއިން ވިޔަސް ދަތުރުފަތުރުގެ ގޮތުން ވެސް ހުރިހާ ގޮތަކުން ނިއުދިއްލީއަކީ މި ދެންނެވި ގޮތަށް އެކި ދާއިރާތަކުން އިންޑިއާގައި ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމުތަނަކަށް ހެދުން" އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފަ އެވެ.