އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ މިއަދު ހެނދުނު ވަނީ ބައްދަލު ކުރައްވާފަ އެވެ. ދިއްލީގައި ހުންނަ މެހެމާނުން ތިއްބަވާ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމާ ގުޅުންހުރި ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އިންޑިއާގެ ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް އަދި ޓްރިވަންތަޕޫރަމްގައި ކޮންސިއުލޭޓެއް ހުރެ އެވެ. އަދި ހުޅުމާލޭގައި އިންޑިއާގެ ހައި ކޮމިޝަނެއް ހުރެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމާ ދެ ގައުމުގެ މެދުގައި މިއަދު މަޝްވަރާކޮށްފައިވާކަން ހާމަކުރިއިރު، ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެކުރިން އިދިކޮޅުގައި ތިބިއިރު އޭރުގެ ސަރުކާރުން އެފަދަ އޮފީހެއް އައްޑޫގައި ގާއިމުކުރަން ކުރަމުންދިޔަ މަސައްކަތާ މެދު ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. ކަމާ ގުޅިގެން އޭރު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ރާއްޖޭގެ ވަކި ސަރަހައްދެއްގައި ގާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރާ ކަމަށެވެ.