މި ސަރުކާރުގެ ވެރިން ވެރިކަމަށް އަންނަން ހެއްދެވީ ހުސް ދޮގުކަން ހާމަވެއްޖެ ކަމަށާއ،ި އެކަމަށްޓަކައި އެބޭފުޅުން ޖަވާބުދާރީކުރުވަންޖެހޭ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިންޑިއާއި ގާތްގުޅުމެއް ބާއްވައި އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ކުރަމުންދިޔަ ކަން އެގޮތުގައި ކުރިއަށް ގެންގޮސް އަދި އިތުރު ގިނަ ކަންތައްތަކެއް އިންޑިއާއެކު މި ސަރުކާރުން ކުރަމުން ގެންދާތަން ފެނުމުން ހާމަވަނީ އިންޑިއާއި ރާއްޖެއާ ދެމެދު ބާއްވަމުންގެނެދެވި ގުޅުމުގައި ރާއްޖޭގެ ސިޔާދަތައް ނުރައްކަލެއް ނެތް ކަން ކަމަށާއި، އެއާ ޚިލާފަށް އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިހްތިރާމްކުރާ އެހީތެރިވެދޭ ގައުމެއްކަން ހާމަވެފައިވާކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އިންޑިއާއި އަޅުވައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ކަނޑައެޅިގެން ބުހުތާނު ދޮގުތައް ހަދާފައިވާތީ އެކަމަކީ ދިމިގްރާތީ ހަމަތަކާ އުސޫލުތަކާއި ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް ރާއްޖޭ ރައްޔިތުންނަށް އެތައް ގޮތަކުން އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ކަމެއް ކަންވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް މަސައްކަތެއް އޭރު ކޮށްފއިނުވާކަން މިހާރު ދިވެހިންނަށް ޔަގީން ކުރެވިއްޖެ ކަމަށާއި، އެގޮތުން އިންޑިއާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމާއެކު ކުރިއަށްދާން ސަރުކާރުން ނިންމުމާއި، އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމުގެ މަސައްކަތާއި އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
ސިޔާސީ ފައިދާއަކަށްޓަކާ ކުރި ކަންތައްތަކުގެ ސަބަބުން ގައުމަށް އިގްތިސާދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓި، އޭގެ ހުރިހާ ބުރައަކާއި ކުރިމަތިލާން ޖެހިފައިވަނީ ރައްޔިތުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މި ސަރުކާރުގެ ވެރިން، ވެރިކަމަށް އަންނަން ވެގެން ހެދި ދޮގުތަކުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުމަށް، އެ ބޭފުޅުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.