ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، އޭނާއާ ދެކޮޅަށް ހުށަހެޅި ބައެއް ހެކިތައް ސިއްރުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު (154،000ރ.) ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލާގައި ސިއްރުކުރަން އެދުނީ އެފްއޭއެމް ބޭންކް ސްޓޭޓްމަންޓާއި ބައްސާމްގެ އެކައުންޓުން ފައިސާ ޖަމާކުރި އެހެން ބައެއް މީހުންގެ އެކައުންޓް ސްޓޭޓްމަންޓްތައް ސިއްރުކުރަން އެދޭ ކަމަށެވެ. ނަމަވެސް ހެކިތައް ސިއްރުކުރި ނަމަވެސް، ކޯޓުގައި ތިބެގެން އެ ސްޓޭޓްމަންޓްތައް ބެލުމުގެ އިންތިޒާމް ބައްސާމާއި ދިފާއީ ވަކީލުންނަށް ހަމަޖައްސައިދޭން ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏެވެ.
ބައްސާމްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ހެކި ސިއްރުކުރަން ދައުލަތުން އެދުނު ކަން ލިޔުންތަކުން ކުރިން އެނގެން ނެތް ކަމަށާއި އެހެންވެ، އެކަމަށް ދައުލަތުން އެދުނު ފޯމް ހިއްސާކުރަން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ލިޔުމުގެ ކޮޕީއެއް މިއަދު ކޯޓުން ދޫކުރާނެ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ބައެއް ލިޔުންތަކުގެ ކޮޕީ ސާފު ނުވާ ކަމަށް ބައްސާމްގެ ދިފާއީ ވަކީލުން ފާހަގަ ކޮށްފައިވާތީ އެ ލިޔުންތައް ހޯދުމަށް ވަކީލުން ކުރިން އެދިފައިވެ އެވެ. އެހެންވެ، ގާޒީ ޝަފީއު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ލިޔުމުން އެދިގެން އެ ލިޔުންތައް ހޯދުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވާ ކަމަށެވެ. އަދި އެ ލިޔުންތައް އެ މުއްދަތުގައި ނުލިބިއްޖެ ނަމަ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އެކަން ހުށަހެޅިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް މިމަހުގެ ފަހުކޮޅު ބާއްވާނެ ކަމަށާއި އެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.