އެމެރިކާގެ ފްލޮރިޑާއަށް ތޫފާން މިލްޓަން އަރުމާއެކު ލިބުނު ގެއްލުންތަކުގެ ތެރެއިން ފްލޮރިޑާގެ 3 މިލިއަނަށްވުރެ ގިނަ ގެތަކުން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ.
ތޫފާން ހެލީންގެ ސަބަބުން 230 މީހުން މަރުވެ ލިބުނު ގެއްލުތަކުން އަރައިނުގަނެވެނީސް ފްލޮރިޑާއަށް ތޫފާން މިލްޓަން އަރާފައިވަނީ ކެޓަރީގެ 3 ގެ ބާރު މިނުގައެވެ.
ފްލޮރިޑާގެ ސެއިންޓް ޕީޓާސްބާގަށް ތޫފާން އަރައި 41 ސެންޓިމީޓަރުގެ ވާރޭ ވެހި، ސެއިންޓް ޕީޓާސްބާގްގައި ހުންނަ ޓަމްޕާ ބޭ ރޭސް ބޭސްބޯލް ޓީމުގެ ޓްރޮޕިކާނާ ފީލްޑް ސްޓޭޑިއަމްވެސް ވަނީ ވަރަށް ބޮޑަށް ޙަލާކުވެފައެވެ. ސެއިންޓް ޕީޓާސްބާގްގެ ރައްޔިތުންނަށް މިހާރު ވަނީ ފެނާ ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑިފައިކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ތޫފާން މިލްޓަން އެރިތާ ގާތްގަނޑަކަށް 90 މިނެޓު ފަހުން ތޫފާނުގެ ކެޓަގަރީ ވަނީ ކެޓަގަރީ 2 އަށް ދަށްކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ފަތިހުގެ ވައި ހުރީ ގަޑިއަކު 85 މޭލު ބާރުމިނުގައެވެ.
މިލްޓަން ތޫފާނެއްގެ ގޮތުގައި ފްލޮރިޑާ ޕެނިންސިއުލާ ހުރަސްކުރާއިރު، ބުރާސްފަތި ދުވަހު އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް އުދަ އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ގާތްގަނޑަކަށް 7.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފްލޮރިޑާގެ 15 ކައުންޓީއަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މަޖުބޫރު އަމުރެއް ނެރެފަ އެވެ.