3 ޓެކްސް އެއް ބޮޑުކުރުމަށް 3 ގާނޫނަކަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހުށަހެޅުމުގެ ބިލުތައް މަޖިލިސް އަށް ހުށަހެޅުމަށް މިއަދުގެ ޖަލްސާއަށް ތާވަލް ކޮށްފިއެވެ.
މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށް ތާވަލްކޮށްފައިވާ އިސްލާހު ތަކަކީ ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންމަބރ މުޙައްމަދު މުސްތަފާ އިބްރާހިމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރ 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރ އަސަދުﷲ ޝިހާބު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރ 29/2026 (ދިވެހި ރާއްޖޭގެ އެއާޕޯޓް ތަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލާއި އަދި ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ މުސްތަފާ ހުސައިން ހުށަހަޅުއްވާފައިވާ 2/99 ދިވެހި ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުމެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ އެ އިސްލާހު ފާސްވުމުން މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ 16 ޕަސެންޓް ގެ ބަދަލުގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 17 ޕަސެންޓަށް ބޮޑުވާނެ އެވެ. އެބަދަލާއެކު އަންނަ އަހަރު ދައުލަތަށް އިތުރު 200 މިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކޮސްފައިވެއެވެ.
ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސްވެސް ބޮޑުކުރަން ހުށަހަޅާފައިވާއިރު، އިސްލާހުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގަން ވަނީ ހުށަހަޅާފަ އެވެ. އަދި ރިސޯޓުތަކުން ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.
އެ ބަދަލާއެކު އަންނަ އަހަރު ގްރީން ޓެކްސްއިން ލިބޭ އާމްދަނީ 963.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
އެއާޕޯޓް ތަކުން ނަގާ ފީތަކާއި ޓެކްސް ތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުގެ ތެރޭގައި އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ހުށަހަޅާފަ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ޕަސިންޖަރުން އަތުން 120 ޑޮލަރު އަދި ފަސްޓް ކްލާހުން ދަތުރުކުރާ ޕަސިންޖަރުން އަތުން (ދިވެހިންނާއި ބިދޭސީން ހިމެނޭހެން) މީހެއްގެ އަތުން 240 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކުރަން ހުށަހަޅާފަ އެވެ.
އެ އިސްލާހުތަކަށް އަމަލުކުރުމަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.