މިއަހަރުގެ ޖޫން މަހު "އާބާދީއާ ބެހޭ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާނު ކޮށްފައިވާ ދެކުނު ކޮރެއާގައި ގިނަދަރިން ވިހާ މައިންނަށް ގައުމީ އެވޯޑް ދޭން ފަށައިފިއެވެ.
ސިޔާސީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިންނާއި، މުޖުތަމައުއަށް ޚިދުމަތްކުރުމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިން އަދި ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައި، ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ދޭ އޯޑަރ އޮފް ސިވިލް މެރިޓްގެ ގްރޭޑް 5 ގެ ސިއޮންގްނިއު މެޑަލް އެވޯޑް ލިބޭ ކެޓަގަރީގެ ތަކުގެ ތެރޭގައި ގިނައިން ދަރިން ވިހެއުން ހިމަނައި 13 ދަރިން ވިހާފައިވާ 2 މަޔަކަށް އެ އެވޯޑް ކޮރެއާ ސަރުކާރުން ދީފިއެވެ.
ދެކުނު ކޮރޭއާގެ އަންހެނެއްގެ އުމުރުގައި ވިހާ ނިސްބަތް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ އެ ކުއާޓާގައި ދަށަށް ދާނެކަމަށް ލަފާކޮށްފައިވާ ނިސްބަތައްވުރެވެސް ދަށަށް ގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތް ހުރީ 0.76 ޕަސެންޓް ދަށަށް ގޮސްފައެވެއެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދަށަށް ދާނެކަމަށް ލަފާކޮށްފައިވަނީ 0.68 ޕަސެންޓް އެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ވަނީ "އާބާދީއާ ބެހޭ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާނު ކުރައްވައި، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދެމުންގެންދާ ފައިސާގެ އެހީތެރިކަން ފުޅާކޮށް، އުފަންވާ ނިސްބަތް ދަށަށް ދިއުމުގެ ޓްރެންޑް ބަދަލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.
ރައީސް ޔޫން ވިދާޅުވި ގޮތުގައި އާބާދީ އިތުރުކުރުމަށް ކުރިންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު ވެސް އެ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާ ކަން ވަނީ ސާބިތުވެފަ އެވެ.
މިމައްސަލައިގެ މުހިންމުކަން ފާހަގަކުރައްވައިރައީސް ޔޫން ވަނީ ފުޅާ ދާއިރާއެއްގައި އިމަޖެންސީ ރެސްޕޮންސް ސިސްޓަމެއް ތައާރަފް ކުރައްވަމުންނެވެ. އެގޮތުން ޕޮޕިއުލޭޝަން ސްޓްރެޓެޖީ ޑިޕާޓްމަންޓް އުފެއްދުމާއި، އާބާދީއާބެހޭ އާ ވުޒާރާ ހިމެނެ އެވެ. އާ ޕްލޭންގައިވާ ގޮތުން އާބާދީގެ މައްސަލަތައް ހައްލުކޮށް ގައުމީ ސްޓްރެޓެޖީތައް އެކުލަވާލުމާއި، އުފަންވާ ނިސްބަތް ދަށްވުމުން އަރައިގަތުމަށް ތައުލީމާއި ލޭބާ އަދި ވެލްފެއާގެ ފުޅާ އިޖުތިމާއީ ސިޔާސަތުތައް އެކުލަވާލުމުގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.މީގެ އިތުރުން އުފަންވާ ނިސްބަތް ދަށްކަމުން އަރައިގަތުމަށް ހާއްސަ ސީނިއާ ޕްރެޒިޑެންޝަލް ސެކްރެޓަރީގެ މަގާމެއްވެސް ވަނީ އުފައްދާފައެވެ.
އޭގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މީހުން މަސައްކަތް ކުރާ ގަޑި ތައް މަދުކުރާ އުމުރު 8 އަހަރުން 12 އަހަރަށް އިތުރުކޮށް، ކުޑިން ބލެމުށްޓަކައި ލުއިދެވޭ އުމުރު 24 މަހުން ފެށިގެން 36 މަސް ދުވަހަށް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.
ދަރިން ބެލެހެއްޓުމުގައި ބައްޕައިން ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ވިހެއުމަށްފަހު ބައްޕައިންނަށް ދެމުންއަންނަ ޕެޓާނިޓީ ލީވް 10 ދުވަހުން 20 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި އަނބިމީހާ މާބަނޑު ދުވަސްވަރު ހަމައެކަނި ވިހެއުމަށްފަހު ޗުއްޓީ ނެގުމުގެ ބަދަލުގައި ވަކި ހާލަތްތަކެއްގައި ބައްޕައިންނަށްވެސް ޗުއްޓީ ނެގޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ފުރަތަމަ ތިން މަހުގެ ޗައިލްޑްކެއާ ލީވް ޕޭ ކެޕް ވެސް 1.5 މިލިއަން ވޮން އިން 2.5 މިލިއަން ވޮން (2،400 ޑޮލަރު) އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ރިޕްލޭސްމަންޓް މަސައްކަތްތެރިން ހޯދުމަށް މަހަކު ދޭ ސަބްސިޑީ 1.2 މިލިއަން ވޮން އަށް އިތުރުވާނެ އެވެ. އަދި ކުޑަކުދިން ބެލެހެއްޓުމަށް އެހީތެރިވުމުގެ ޒިންމާ ސަރުކާރުން އުފުއްލަވާނެ ކަމުގެ ޔަޤީންކަން ޔޫން ދެއްވާފައިވާއިރު، އުފަންދުވަހުން ފެށިގެން 11 އަހަރާ ދެމެދުގެ ކުދިން ހިމެނޭ ގޮތަށް ޕަބްލިކް ޗައިލްޑް ކެއަރ ސިސްޓަމެއް އެމަނިކުފާނުގެ ދައުރުގެ ތެރޭގައި މަޑުމަޑުން ތަންފީޒުކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.