ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮންް ގޮއްވާލުމުން، ލޯންޗްގައި ހުރި މުހިންމު ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ ކަމަށް ބުނެ ޖަލަށްލި މޫސާ ޒަމީރު ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭނާއަށް ބަދަލު ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭރު ސިފައިންގެ ދެ މީހުން ކަމަށްވާ ޒަމީރާއި އަހުމަދު ތިހާމް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ އެ ހާދިސާ އަށް ފަހު އެ ދެ މީހުން ލޯންޗަށް އަރައި، އުސޫލުތަކާ ހެކިތައް ގެންދިޔަ ކަމަށް ބުނެ އެވެ.
ނަމަވެސް އެ މައްސަލަ ޒަމީރުގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޒަމީރުގެ ޖަލު ހުކުމް 2019 ވަނަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެ ހުކުމް އެގޮތަށް އައުމުން، އޭނާއަށް ސިފައިންގެ ވަޒީފާ އަނބުރާ ދިނުމަށާއި ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހޯދަން ނަގައިދޭން ސިވިލް ކޯޓަށް އޭނާ ހުށަހެޅި އެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވަނީ ޒަމީރަށް ވަޒީފާ އާއި ބަދަލު ދޭން ނުޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ޒަމީރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޒަމީރު ވަޒީފާ ވަކިކޮށްފައިވަނީ ސިފައިންކުރާ ކުށްތަކަށް އަދަބު ދިނުމުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެއީ އޭނާ ވަޒީފާ ވަކިކުރިކަން ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ވެސް އަންގާފައި ނުވާތީ އެވެ.
ނަމަވެސް، ހުކުމުގައިވަނީ ޒަމީރަށް ސިފައިންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ހުކުމުގައި ބުނެފައިވަނީ މި މައްސަލާގައި ހިނގާފައިވާ މުއްދަތަށާއި އެ މުއްދަތުގައި ސިފައިންގެ މުއައްސަސާއަށާއި ވަޒީފާތަކުގެ ކޮލިފިކޭޝަނަށާއި ހުނަރަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ޒަމީރު އެމްއެންޑީއެފްގައި އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރަން އެންގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށް ވާތީ ކަމަށެވެ.