ޓޫރިޒަމް އިންޑަސްޓަރީއަށް އަހަރެއްގެ މައްޗަށް ލިބޭ ބޭރުފައިސާގެ ތެރެއިން ޜާއްޖޭގެ ބޭންކުތަކަށް ވަންނަނީ ބައިކުޅަބައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަރސިޓީގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ
ޓޫރިޒަމް އިންޑަސްޓަރީއަށ އަހަރަކު 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް އެ އަދަދުގެ ތެރެއިން ދިވެހިރާއްޖޭގެ ބޭންކު ތަކަށް ވަންނަނީ އެންމެ 2.3 ބިލިއަން ޑޮލަރު ކަމަށާއި، އަދި އޭގެ ތެރެއިން ޓެކްސްއާއި އެހެނިހެން ގޮތްގޮތުން އެމްއެމްއޭ އަށް ވަންނަނީ އެންމެ 23 އިންސައްތަ ކަމަށެވެ.
އެހެންކަމުން މަނިޓަރީ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ތަކަކީ އެކަން ހަރުދަނާ ކޮށް އެ ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ގެނެސްފައިވާ ބަދަލުތަކެއްކަން ފާހަގަކޮށް ގަވަރުނަރު މުނައްވަރު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެ ނުރަސްމީ ބާޒާރުގައި ދައުރުވާ ބޭރުފައިސާގެ އަދަދު މަދުކުރުމަކީ ގަވައިދަށް ބަދަލު ގެނައި އެއް ސަބަބު ކަމަށެވެ. އެހެންކަމުން އެ ބަދަލުގެ ސަބަބުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
އެ ފޯރަމްގައި އިތުރަށް ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޭރު ފައިސާއިން ފައިނޭންސް ކުރެވޭނެ ގާބިލްކަން ނެތުމުން ރިސޯޓް ތައް ތަރައްގީކުރާ ފަރާތްތަކުން ފައިނޭންސް ހަމަޖައްސަނީ ބޭރުގެ ބޭންކު ތަކުން ކަމުން ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ ބޭންކިން ސެކްޓަރ އަށް ލިބެންޖެހޭ ހަމަ ފައިދާ ނުލިބޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ބޭންކުތަކަށް ބޭރުފައިސާ ގެނައުމަކީ މުހިންމު ކަމެއް ކަމަށްވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.