ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް އެންމެ ބޮޑަށް ބަރޯސާވާ ސެކިއުޓީއަކީ ޓީބިލެވެ. ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި ޑޮމެސްޓިކް މާކެޓުން ހޯދުމަށް 2.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ، ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، މިހާރުގެ މާކެޓްގެ ޓްރެންޑަށް ބަލާއިރު ޓީބިލް ގަންނަ ބޭންކްތަކަށް ސެކިއުރިޓީ ވިއްކޭ މިންވަރު ދަށްވަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ސަރުކާރުން ކުރިން ލަފާކުރި މިންވަރަށް ސެކިއުރިޓީ ނުވަތަ ޓީބިލް ނުވިއްކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، ޑޮމެސްޓިކް މާކެޓުން ހޯދުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ދަތިތައް އެބަހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެން އެމްއެމްއޭއިން ދިން ލަފާގައިވާ ގޮތުގައި ބަޖެޓަށް ބޭނުންވާ ކަމަށް ލަފާކުރާ ފައިނޭންސިން ނުލިބިއްޖެ ނަމަ، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ހަރަދުތައް ހަމަޖެއްސުމަށް ދަތިވާނެ އެވެ.
ރާއްޖެއިން ބޭރުން ހޯދަން ކަނޑައެޅި ފައިނޭންސިން، ބޭރުގެ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުން ފަދަ ސަބަބުތަކުގެ ސަބަބުން، ނުލިބުމުގެ ސަބަބުން މިއަހަރު ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ޑޮމެސްޓިކް މާކެޓަށް ވަރަށް ބޮޑަށް ބަރޯސާވި ކަމަށް އެމްއެމްއޭގެ ލަފާގައިވެއެވެ.
"ވީމާ 2024 ވަނަ އަހަރަށް ލަފާކޮށްފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން އިތުރަށް 1.5 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު، އަހަރުގެ ބާކީ އޮތް މުއްދަތުގައި މި އަދަދު ހޯދުމަށް ހިރާސްތަކެއް ހުރި ކަމަށް މި އޮތޯރިޓީއަށް ފާހަގަ ކުރެވެ އެވެ،" އެމްއެމްއޭ ލަފާގައިވެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ދިން ލަފާގައިވާ ގޮތުން ސަރުކާރުން ރާވާފައިވާ ފިސްކަލް ސިޔާސަތުތަކާއި އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުތަކާ އެކު ރާއްޖޭގެ ރޭޓިން ރަނގަޅު ކުރެވޭނެ ކަމަށް ލަފާކުރެވޭ އެވެ. އެއާ އެކު ފައިސާ ހޯދުމަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.