logo minivan

English

އާދިއްތަ, 03 ނޮވެމްބަރ 2024

ހަފީޒާ 9ވަނަ ބައި

25 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!

ރާމިޒާގެ ހަށިގަނޑު ވޯޑު އެނދަކަށް ބަދަލުކޮށް، ބަލި މީހުން ބަލާ ކޮޓަރީގައި މުހައްމަދު ބާއްވައިގެން ރަފީޢު ފެށީ މީގެ ކުރިން ދުވަހަކުވެސް އޭނާވެސް އަދި އެމަރުކަޒުގައިވެސް ކޮށްފައި ނުވާފަދަ ބޮޑު އޮޕަރޭޝަނެކެވެ. މަދު ވަޞީލަތްތަކާއި އެކުވެސް، ރަފީޢު އޭނާގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ބައިގަޑިއެއްހައި އިރުގެ ތެރޭގައި، މުހައްމަދުގެ ކޮނޑުހުޅުމަތިން ނާރުތައް ބައްދައި ލޭ މަނާކޮށް ބޭސް އަޅައިފިއެވެ.

ހޭހުސްވެފައި އޮތް މުހައްމަދަށް ނޫނިއްޔާ ވީގޮތެއް ބުނެދޭން އެނގޭނެ މީހެއް ނެތެވެ. އެހެންވެ މަރުކަޒުތެރޭގައި ތިބި މީހުންވެސް އެކަކު އަނެކަކާއި ކުރަނީ ހަމަ އެއް ސުވާލެކެވެ. މުހައްމަދަށް މިވީ ކީއްހެއްޔެވެ؟

ހުކުރު ނަމާދަށް ބަންގިދޭން ފެށުމާއި އެކު މަރުކަޒުތެރޭގައި ބާކީ ތިބި ފިރިހެނުންވެސް ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. މެންދުރަށް ގޮވުމުގެ ކުރިން ކަތީބުބޭވެސް މިސްކިތަށް ހިނގައްޖެއެވެ.

ހުކުރު ޚުޠުބާ ފެށުމާއިއެކު، އަންހެނުންތައްވެސް މަޑުމަޑުން ގޭގޭދޮށަށް ހިނގައިގެންފިއެވެ. ހުކުރު ނަމާދުކޮށް ނިމުނުއިރު، އައިމިނަ އާއި ހަފީޒާ އާއި ފަރީދާ އަދި ހަލީމަ ދައިތަ ފިޔަވައި ދެން މަރުކަޒުތެރޭގައި ތިބީ މަރުކަޒުގެ މުވައްޒަފުންނެވެ.

"މުޙައްމަދަށް ކިހިނެއް މިވީ!" ފަރީދާ އާއި އައިމިނަ އަދި ހަފީޒާ އިށީނދެ ތިބި ގޮނޑިބަރި ކައިރިއަށް ޖެހިލާފައި ހަލީމަ ދައިތަ އެހިއެވެ.

"ނޭނގެ. ކޮނޑު ހުޅުން އަތް ވަކިވެގެން ދިޔައިރު މަސްގަނޑުވެސް ހުރީ އުތުވިގެން ގޮސްފައި." ފަރީދާ މޫނަށް ގޮތެއް ހަދާލާފައި ބުންޏެވެ. އެމަންޒަރު ފެނިފައި އޭނާވެސް އަނބުރައި ނުގަތީ ކިރިޔާއެވެ.

" އެއްވަރުގެ ބޮޑެތި ކަންތައް މިއަދު މިވަނީ، ދޯ! ދައިތާ!" އައިމިނަ ދޯ ދިނީ ހަލީމަ ދައިތައަށެވެ.

"ރާމިޒާގެ މަރުގައި މުޙައްމަދުގެ އަތެއްވެޔޭ އަހަރެންގެ ހިތް ބުނަނީ. އެކަމަކު އޭނާގެ އަތް އެ އުފުރާލީ ކާކުބާ؟" ފަރީދާ ބުންޏެވެ.

" ހާދަ ޔަޤީން ކަމާއި އެކު ތިހެން ތިބުނަނީ." އައިމިނަ ހައިރާން ކަމާއިއެކު ބުންޏެވެ.

"އަހަރެން ރާމިޒާ އާ އިބްރާހީމް ހޯދަމުން ވަލު މަގުން ދިޔައިރު މުހައްމަދާއި ދިމާވި. އަހަރެން އެއްޗެއް ނުބުނަނީސް އޭނާ ބުނެފި ރާމިޒާ ގެއްލިގެން ހޯދަނީހޭ. އަހަރެން ކިހިނެއްހޭ ކަލެޔަށް އެނގުނީ އެހީމާ އޭނާ އާގަންނަންފެށީ. ދެން އަހަރެން ދެކުނިން އޭނާ އަތު މުލައްދަނޑީގައި ލޭ ހޭކިފައި ހުއްޓައި." ފަރީދާ އެއް ނޭވައިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ފަރީދާ ދެއްކި ވާހަކަ އަޑުއިވިފައި، ވޯޑު ދޮރުގައި ލެނގިގެން ހުރި އިބްރާހީމް އައިސް ހުއްޓުނީ، ފަރީދާ ކައިރިއަށެވެ.

"މަންޖެއަށް ހަމަ ޔަޤީންތަ؟" އިބްރާހީމް ސުވާލު ކުރިއެވެ.

"މަށަކަށް ޔަޤީނެއް ނޫން. އެކަމަކު އިބްރާހީމްބެ ވިސްނާބަލަ މީގައި ނުބައެއް އެބައުޅޭ ނޫންތަ؟ ރާމިޒާގެ އަތުގައި ލޭމަނާ ކުރަން ފޮތިފަށް އެއްސީ އިބްރާހީމްބެއެއް ނޫން. މީދަފެންނަ މަންޖެއެއް ނޫން. އެހެންވީމާ، މިމަންޖެއާ އިބްރާހީމްބެއާ ދެމީހުންނަށް ރާމިޒާ ފެނުމާއި ދެމެދު އެހެން މީހަކަށް ރާމިޒާ ފެނިފައި އޮތީ! އެއީ ޔަޤީންކަމެއް!" ފަރީދާ ބުންޏެވެ.

"ސިފައިންނަށް މައްސަލަ ހުށައަޅަން އެބަޖެހޭ. މާލެއަށް އަންގައިގެން މިމައްސަލަ ތަޙްޤީޤު ކުރަން ސިފައިން ގެންނަން އެބަޖެހޭ. މިއީކީ، އެކްސިޑެންޓެއް ނޫން." ސެންޓަރު ރަފީޢުވެސް އައިސް އިބްރާހީމް ގާތުގައި ހުއްޓެމުން ބުންޏެވެ.

ހުކުރުން ފައިބައިގެން ކަތީބުބޭ  ސިއްޙީމަރުކަޒަށް ވަނީ އެވަގުތުގައެވެ.

"އާނ! މަށަށްވެސް މިހާރު މިކަން އެހެން ގޮތަކަށް އެބަ ވިސްނޭ! ކޮބައިތަ މުހައްމަދުގެ ހާލަކީ. އޭނާގެ އަތް ބުރިވި ވާހަކައެއް މިސްކިތުން ފޭބި މީހުން ދެއްކީތީ އަޑު އިވިއްޖެ." ކަތީބުބޭ އައިސް ސެންޓަރުގެ ތެރެއަށް ވަދެފައި ބުންޏެވެ.

"އަޅުގަނޑަށް ފެންނަނީ ހަމަ ސިފައިން ގެންނަން. މުހައްމަދަށްވެސް އަސްލު މިވީގޮތެއް އަދި ނޭނގޭ! އޭނާ ހޭއަރައިގެން އޭނާއަށް ވީގޮތެއް އެނގޭނީ. އަދި އެއޮތީ ހޭނެތިފައި." ސެންޓަރު ރަފީޢު ވާހަކަ ދެއްކީ ކަތީބު ބެއާއެވެ. އަދި ކަތީބުބޭ ކޮނޑަށް އަތްލާފައި، މަޑުމަޑުން ކަތީބުބޭ ގޮވައިގެން އެހެން މީހުންނާއި ދުރަށް މަރުކަޒުން ބޭރަށް ނުކުމެއްޖެއެވެ.

ސިއްޙީމަރުކަޒުގެ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހުގެ ހިޔަލަށް ދެވޭންދެން ރަފީޢު ކަތީބުބެއާ ދެއްކީ، ޞިއްޙީ މަރުކަޒުގައި ވަޞީލަތްތައް މަދު ވާހަކައެވެ. ގަން ކަހަލަ ބޮޑު ރަށެއްގެ މި އާބާދީއަށް އެންމެ މީހަކު ސެންޓަރުގައި ހުރެގެން ނުފުދޭ ވާހަކައެވެ. ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ވާހަކައެވެ. އޭނާ އަސްލު މަޢުލޫގައި ވާހަކަދައްކަން ފެށީ، ޖޯލިފަތީގައި އިށީނދެ ހަމަޖެހިލުމަށް ފަހުގައެވެ.

"އާލިމްގެ ފައިގައި ވެނެއް ދަތް އެޅުން އެއީ އެކްސިޑެންޓެއް. އެކަމަކު ރާމިޒާގެ މަރުގައި އެބައޮތް ޝައްކުތަކެއް. މުހައްމަދަށް މިވީގޮތެއް އަސްލު ނޭނގެ" ފުންނޭވާއެއް ލަމުން ރަފީޢު ބުންޏެވެ.

" ރާމިޒާ މަރުވީ ވަޅިމައްޗަށް ވެއްޓި އަތް ކަނޑައިގެން ގޮސްގެން ނޫންތަ؟" ކަތީބުވެސް ސާފުކުރަން ބޭނުންވީ އެކަމެވެ.

"މަންޒަރު ފެނުނީ ހަފީޒާއަށް. އެމަންޖެ ބުނާ ގޮތުން، އިބްރާހީމް ހިނގައި ގަތްފަހުން، ރާމިޒާ އަނބުރައިގަނެގެން ވެއްޓުނީ. ވެއްޓުނު އިރު ވަޅީގައި ޖެހި އަތް ކަނޑައިގެން ދިޔައީ. އެކަމަކު ރާމިޒާ ފެނުނު އިރު އޭނާގެ އަތުގައި ހުރީ ފޮތިފަށެއް އައްސައި ލޭމަނާކޮށްފައި. ހަފީޒާ ބުނީ އޭނާއެއް ނޫނޭ. ރާމިޒާ ދެން ފެނުނީ އިބްރާހީމަށް. އިބްރާހީމްވެސް އެބަބުނޭ އޭނާއެއް ނޫނޭ އެ ފޮތިފަށް ބަނީ. ދެން … " ރަފީޢު ވާހަކަ ހުއްޓާލިއެވެ.

"ދެން ކޮންކަމެއް." ކަތީބު ސުވާލު ކުރިއެވެ.

"މަށަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް ކަތީބުބޭ!" ރަފީޢުއަށް އުނދަގޫވިއެވެ.

" ކޮންވާހަކައެއް!" ކަތީބުބޭ ހައިރާންކަމާއި އެކު އެހިއެވެ.

" ކޮންމެވެސް މީހަކު، ހުރީ ރާމިޒާ އެހާލުގައި އޮއްވައި އޭނާ ގަޔަށް އަރާފައި. މަރުވެފައި އޮއްވައިކަމެއް ދިރިހުއްޓައި ކަމެއް ނޭނގެ. ކޮންމެވެސް މީހަކު ހުރީ އޭނާގެ ގަޔަށް އަރާފައި." ރަފީޢު ބިންމައްޗަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

" ސުބުޙާނައްﷲ." ކަތީބުބެއަށް އިނގިލީކުރީގައި ދައިގަނެވުނެވެ.

"މިވާހަކަ އަދި އިބްރާހީމް ގާތުގައި ނުބުނާތި! އޭނާ ހަމައިން ނައްޓާފާނެ! އަޅުގަނޑަށް ފެންނަނީ ހަމަ ވީހާއަވަހަކަށް މާލެއަށް އަންގައިގެން ސިފައިން ގެންނަން."  ރަފީޢު ބުންޏެވެ.

އިތުރަށް މަޑުނުކޮށް ހަރު ހިނގުމުގައި ކަތީބުބޭ ހިނގައި ގަތީ މަރުކަޒުން ނުކުންނާށެވެ. ސައިކަލަށް އަރައިގެން އޭނާ ދުއްވާލީ ރަށު އޮފީހާ ދިމާއަށެވެ. ހުކުރު ދުވަހަކަށް ވީނަމަވެސް އަތޮޅު އޮފީހަށް އަންގައިގެން މިކަން ބެލުން އަވަސްކުރަން ކަތީބަށް ލާޒިމްވެއްޖެއެވެ.

*********

ހަފީޒާ ގޮވައިގެން އައިމިނަވެސް ނުކުތީ އިބްރާހީމަށް ވަރަށް ހިއްވަރު ދީފައެވެ. ޖަނާޒާގެ ކަންތައްތައް ހަމަޖެހުނީމާ އަންގާލަން ފަރީދާ ގާތުވެސް ބުނެފައެވެ. ހަފީޒާވެސް އޭރު ހުރީ ހަމަޔަކަށް އެޅިފައެވެ.

މަންމައާއިއެކު ގެއަށް ދިޔަ މަގުމަތީގައި، ހަފީޒާއަށް ފެނުނީ، މަޅުތަކާއި، ތެލިތަށިތައް ހިފައިގެން އެއްފުރާގެ އަންހެންކުދީންތައް މޫދަށް އެރޭންދާން މަންޒަރެވެ.

"އަހަރެން އަންނަންތަ މޫދަށް ގޮސްފައި އެ ކުދިންނާއެކު." ހަފީޒާ މަންމަ ގާތުގައި އެހިއެވެ.

"އަދި ކިރިޔާ މި މަރުކަޒުން ނުކުމެވުނީ. އަނެއްކާ މޫދަށް ދާންވީ." އައިމިނަވެސް ދަރިފުޅާ ކުރީ ސުވާލެކެވެ.

"ހަފީޒާ އާދޭ! އަހަރެމެން މިދަނީ އަނބު މަޖާހަދައިގެން." ބޯމަތީގައި ތެލި ބަރިއެއް ބަހައްޓައިގެން ހުރި ކުއްޖަކު ހަފީޒާއަށް ގޮވާލާފައި ދައުވަތު ދިނެވެ.

ހަފީޒާ ހުއްޓުނެވެ. އައިމިނަވެސް ހުއްޓުނީ އެހެންވެއެވެ. އެންމެ ފަހުން ހަފީޒާ ކުރު ނުކުރުމުން އެކުދިންނާއެކު ދާން އައިމިނަ ހުއްދަ ދިނެވެ. އެކަމަކު ގެއަށް ވަދެލާފައި އެކުދިން ތިބޭ ތަނަކަށް އަންނާނޭ ކަމުގައި އައިމިނަ ހަފީޒާއަށް ބުންޏެވެ.

ދުވެފައި ގޮސް ހަފީޒާވެސް ކުދިންތަކުގެ ތެރެއަށް ވަނެވެ. އެއްފުރާގެ ހައެއްކަ އަށެއްކަ އަންހެންކުދިން މަގު ހުރި ގޮތަށް ހިނގަމުން ދިޔައީ ގޮނޑު ދޮށާއި ދިމާއަށެވެ.

********

ފަސްގަނޑުއަޑީގައި އޮތް އާދަނަށް ހޭވެރިކަން ވަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާއަށް އަތެއްފައެއް ގުޑުވައެއް ނުލެވެއެވެ. ހަފަރާތުން ފަސްގަނޑުވަނީ އޭނާ ފިއްތާލާފައެވެ. ގަދަކަމުން ހުޅުވާލެވުނު ދެލޮލަށްވެސް ފެނުނީ ކަޅު އަނދިރިކަމެވެ. ދާދިގާތުން ރާޅުމުގުރާއަޑު އިވޭތީ އޭނާއަށްވެސް އޭނާ އެއޮތީ ގޮނޑުދޮށުގައިކަން އިޙްސާސްވެއެވެ.

ރާޅުތަކުގެ އަޑުތަކާއި އެކުވެގެން ދުރުން ކުޑަކުދިންތަކެއް ހޭ އަޑާއި ސަކަރާތްޖަހާ އަޑު އެކުލަވައި އާދަނަށް އިވެމުން ދިޔައެވެ. އެއަޑު އަންނަނީ އޭނާއާ ގާތްވަމުން ކަމުގެ އިހްސާސް އޭނާއަށް ވަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ އެއޮތް ތަނެއް އަދި ސަލާމަތްވާނީ ކިހިނެއް ކަމެއްވެސް އާދަނަކަށް ނޭނގެއެވެ.

ކުދިންތައް އައިސް ތެލިތަކާއި ތަށިތަކާއި މަޅުތައް ގެނެސް ބެހެއްޓީ، މުހައްމަދު އާދަނު ވަޅުލާފައި ދިޔަ ތަނުގެ ކައިރީގައެވެ. ހަފީޒާ އާއި އެހެން ކުދިން ފައިވައްކޮށްލާފައި މަޖާކާން އިށީނީ ގުންޑޮޅި ކެނޑިފައިވާ ފަސްގަނޑު މޫދާ ވީފަރާތުގައެވެ. ހަފީޒާ އިށީނީ ފަސްގަނޑުގައި ލެގިލައިގެންނެވެ.

(ނުނިމޭ)
10 ވަނަ ބައި 1 ނޮވެމްބަރ 2024 ވާ ހުކުރު ދުވަހު ގެނެސްދެވޭނެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވވވވވ ރީތި ވާހަކައެެއްމީ އިނގޭ… އަލީ ސުލަމާން ހާދަ މޮޅޭ.. އަނެއް ބަޔަށްއިންތިޒާރު ކުރެވެނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *