logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ހަފީޒާ 10ވަނަ ބައި

29 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!

ކުދިންތައް އައިސް ތެލިތަކާއި ތަށިތަކާއި މަޅުތައް ގެނެސް ބެހެއްޓީ، މުހައްމަދު އާދަނު ވަޅުލާފައި ދިޔަ ތަނުގެ ކައިރީގައެވެ. ހަފީޒާ އާއި އެހެން ކުދިން ފައިވައްކޮށްލާފައި މަޖާކާން އިށީނީ ގުންޑޮޅި ކެނޑިފައިވާ ފަސްގަނޑު މޫދާ ވީފަރާތުގައެވެ. ހަފީޒާ އިށީނީ ފަސްގަނޑުގައި ލެގިލައިގެންނެވެ.

ކުއްލިއަކަށް އުދަވެގެން އައި ބިޔަ ރާޅެއް ގޮނޑުދޮށަށް ބިންދާލައި ތިރިތިރިން އައި ލޮނުގަނޑުން ސަލާމަތްވުމަށް ހެމުން ހެމުން ހަފީޒާވެސް ދުއްވައިގަތީ ހޭޅިފަށުން އެއްގަމަށެވެ. މުހައްމަދު އާދަނު ވަޅުލާފައި ދިޔަ ތަނަށް ހަފީޒާގެ ފައި ގަނބައިގަތީ އެވަގުތުއެވެ. އެއާއެކު ގުންޑޮޅި ކެނޑިގެން ވެއްޓުނު ފަސްގަނޑުގެ ތެރެއިން ހަފީޒާއަށް ފެނުނީ އިންސާނެއްގެ ފައެވެ.

ހަފީޒާއަށް އަޑުގެ ކޮޅަށް ހަޅޭލަވައި ގަތުމާއިއެކު، ރާޅު ޖަހާފަށާއި މޫދު ތެރޭގައި ތިބި ކުދިންތައް އެއްފަހަރާ ބަލާލީ ހަފީޒާއަށެވެ. އެކުދިން ހީކުރީ އެކުދިންގެނައި ތަށިތެލިތަކާއި މަޅުތަކާއި ކާތަކެތި ރާޅު ބަނޑުދަށުލީމާ، ހަފީޒާ ހަޅޭލަވައި ގަތީ ކަމަށެވެ.

ހަފީޒާ ހުރީ ހުއްޓުން އަރާފައެވެ. ގަތް ބިރަކުން ގަބުވެފައެވެ. ހަފީޒާއާ ދިމާއަށް މޫދުތެރޭގައި ތިބި އެހެން ކުދިން ހިނގައިގަތީ ހަފީޒާ ބޮލުގައި އަތް އަޅާފައި އެތަނުގައި އިށީނީމައެވެ.

********

ވޯޑުތެރޭގައި އެނބުރެމުންދިޔަ ފަންކާތަކުގެ އަޑާއި އެކު ވެގެން ދެން އިވޭ އަޑަކީ، އާލިމާއި، މުހައްމަދުގެ ގަޔަށް ގުޅާފައި ހުރި މެޝިންތަކުން އިވޭ އަޑެވެ. މަރުކަޒުތެރޭގައި މީހުން ހޭލަމޭލަވެ އުޅުނަސް އެއްވެސް މީހަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ މަސައްކަތުގައެވެ.

އާލިމްގަޔަށް ގުޅާފައި ހުރި އައިވީފުޅި ތިކި ޖަހާ ވަގުތު ބަލަން ހުއްޓައި އެއްލުނު ކަޅިއަކުން ރަފީޢުއަށް ފެނުނީ މުހައްމަދު އޭނާގެ އަތްފައި ހަރަކާތް ކުރަން ފެށި ތަނެވެ. ލޯ ހުޅުވާލި ތަނެވެ. އޭނާ ހޭވެރިކަން ވަނީއެވެ.

ރަފީޢު މުހައްމަދު ގާތަށް ޖެހިލައި، މޫނު ދޮށަށް ގުދުވެފައި ކަމެއް ބޭނުންތޯ އެހިއެވެ. ރަފީޢުއަށް ޖަވާބު ދިނުމުގެ ގޮތުން މުހައްމަދު ބޯ ހޫރާލިއެވެ. އެކަމަކު އޭނާ ދެބަ ދޭތެރޭގައި އޮވެ މަސްތުވެފައިވާ މީހެއްހެން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މިއޮތީ ކޮންތާކު! ނަރަކައަކީ ހާދަ ހޫނު ތަނެކޭ" މުހައްމަދު ދެބަ ދޭތެރޭގައި އޮވެ ވާހަކަ ދެއްކިއެވެ.

"މިއީ ޞިއްޙީ މަރުކަޒު." ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން، ރަފީޢު ބުންޏެވެ. ރަފީޢުވެސް ބޭނުންވީ ވެގެން އުޅޭ ގޮތް ތަޙްޤީޤު ކުރާށެވެ. އިންސާނަކު އެންމެ ތެދަށް ވާހަކަ ދައްކާނީ، ދެބަ ދޭތެރޭގައި އޮންނަ އިރުގައެވެ. އެއީ ސިއްރު ނުހިފެހެއްޓޭ ވަގުތެކެވެ. އެކަން ރަފީޢުއަށް އެނގެއެވެ.

"މުހައްމަދަށް ކިހިނެއްވީ." ރަފީޢު މުހައްމަދުގެ ކަންފަތް ދޮށުގައި ބުންޏެވެ. ޖަވާބެއް ނުދީ މުހައްމަދު އިރުކޮޅަކު އޮތެވެ. ފަހަރުގައި އޭނާ ކަން ހިނގި ގޮތް ހަނދާން ކުރަނީ ކަމަށް ވެދާނެއެވެ. ރަފީޢު އިރުކޮޅަކު މަޑުކޮށްލީ އެހެންވެއެވެ.

"މަންމާ!" ނިދީގެ ތެރެއިން އެހެން ގޮވާލީ އަނެއް އެނދުގައި އެޑްމިޓްކޮށްފައިއޮތް އާލިމެވެ. ރަފީޢު އާލިމަށް ބަލާލިއެވެ. އެކުއްޖާވެސް އަތްފައި އެވަ ހަލުވައެވެ. އޭނާ ނިންދަވަން ދިން ބޭހުގެ ވަގުތު ހަމަވީއެވެ.

"އައްދޯތް! އައްދޯތް!" ޢާލިމަށް ތަދު އިހްސާސް ކުރެވެން ފެށުމާއިއެކު އޭނާ ވާހަކަ ދައްކަން ފަށައިފިއެވެ.

ރަފީޢު އާލިމް ގާތަށް ޖެހިލައި ޢާލިމްގެ ހާލު ބަލާލިއެވެ. އަދި އަލުން ތަދުކަނޑުވާ އިންޖެކްޝަނެއް އައިވީގެ ތެރެއަށް ފޮނުވާލިއެވެ.

އޭރު މުހައްމަދުވެސް އެނދުގައި ދެބަ ދޭތެރޭގައި އޮވެ ތުން ތަޅުވައެވެ. ކިޔާ ނުކިޔާއެއްޗެއް ސާފު ނުވާ ގޮތަށް ވާހަކަތަކެއް ދައްކައެވެ.

ވޯޑުތެރެއަށް ވަދެގެން އައި ފަރީދާ  ރަފީޢު ގާތުގައި ބުނީ، ރާމިޒާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވަމުންދާ ވާހަކައެވެ.

"މިތަނުން ނަރުސް ކުއްޖަކު ބުނެފި، ރަފީޢު ފޯމުގައި ސޮއެ ކުރީމައޭ ރާމިޒާގެ ހަށިގަނޑު ގެއަށް ގެންދެވޭނީ. މަޣުރިބަށް ވަޅުލެވޭތޯ ބަލަން ވާނެޔޭ މުދިންބެ ބުނީ." ފަރީދާ ވާހަކަ ދެއްކީ ރަފީޢުއާއެވެ.

"އަހަރެން މިހިތަށް އަރަނީ، ރާމިޒާގެ މަރުގައި ޝައްކުތަކެއް އޮއްވައި، ސިފައިން ނާންނަނީސް ހަމަ ވަޅުލާންވީހޭ؟" ރަފީޢުވެސް ވާހަކަ ދެއްކީ ފަރީދާ އާއެވެ.

"މަރުވެފައި އޮތް ހަށިގަނޑެއް ނުބޭއްވޭނެދޯ ކުނިވާކަށް. އެހެން ނޫނަސް ސިފައިން އައިސް ހަށިގަނޑުން ބަލާން އޮތީ ކޮން އެއްޗެއް. އަހަރެމެން ދުށްތަނާއި އިވުނު އަޑުގެ ވާހަކަދޯ ކޯޓަކަށްވެސް ގޮސް ކިޔައިދެވޭނީ." ފަރީދާ ބުންޏެވެ.

"ތިޔައީވެސް ތެދެއް. މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ވަޅު ނުލައެއް ނުބޭއްވޭނެ. ހިނގާ!" ފަރީދާ އާއެކު ރަފީޢުވެސް ހިނގައިގަތީ ވޯޑުން ބޭރަށެވެ.

ދެބަ ދޭތެރޭ އޮވެ ތުން ތަޅުވަމުން ދިޔަ މުޙައްމަދަށް، ފަރީދާ ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ހެއްކެއް ނެތަސް، ފަރީދާއަށް ކުއްވެރި ކުރެވެނީ މުޙައްމަދެވެ. އޭނާގެ އުޅުމާއި އަޚުލާޤު ހުންނަ ގޮތުންނެވެ. ހިނގައިދިޔަ ކަންތައް ތަކުގައި އޭނާގެ އަތެއް ވާކަމަށް ހަމަ ޝައްކު ކުރެވެނީއެވެ.

"ކިހިނެއްވީ؟" މުހައްމަދާއި ދިމާއަށް ފަރީދާ ބަލާލި ނުރުހުމުގެ ނަޒަރު ރަފީޢުއަށް ފާހަގަވިއެވެ.

"އަހަރެންނަށް ހަމަ ޝައްކުވަނީ މީނާއާ ދޭތެރޭ." ރަފީޢުގެ ފަހަތުން ދޮރުން ނުކުންނަމުން ފަރީދާ ބުންޏެވެ.

" ކޮންކަމަކާ!" ހައިރާން ކަމާއިއެކު ރަފީޢު ސުވާލުކުރިއެވެ.

ފަރީދާ އައިމިނައަށްވެސް ކިޔައިދިން ގޮތަށް ރަފީޢުއަށް އޭނާއަށް ފެނުނު މަންޒަރާއި މުޙައްމަދާއި ދެކެވުނު ވާހަކަތައް ކިޔައިދިނެވެ. އަދި އޭނާއަށް މުހައްމަދަށް ޝައްކުގެ ނަޒަރުން ބެލޭ ސަބަބުތައްވެސް ކިޔައި ދިނެވެ.

އެވާހަކަތައް އަޑުއަހަން ހުރި ރަފީޢުއަށް މުހައްމަދުގެ ވާހަކަތައް ހޯދުމުގެ ޝައުޤުވެރިކަން އިތުރަށް ބޮޑުވީ އެހެންވެއެވެ.

މަރުކަޒުގެ އޮފީސްބައި ތެރެއަށް ވަދެފައި ރަފީޢު ނުކުތީ ފޯމެއް ހިފައިގެންނެވެ. އެއީ ރާމިޒާގެ މަރު ފޯމެވެ. އެފޯމުގައި ސޮއެކޮށްފައި އޭގެ ކާބަން ކޮޕީ، ރަފީޢު ގެނެސްދިނީ އިބްރާހީމްގެ އަތަށެވެ. އޭރުވެސް އޭނާ އިނީ ގަބުވެފައެވެ. ހުއްޓިފައެވެ. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހިފައެވެ.

ކަތީބުބޭ ވެސް އަނބުރާ އައިސް ސިއްޙީ މަރުކަޒަށް ވަނީ އެވަގުތުގައެވެ.

"މިއައީ އަތޮޅު އޮފީހަށް އަންގާފައި. އަތޮޅު އޮފީހުން މާލެއަށް އަންގާނެ. މާދަމާ ސަރުކާރު ހުޅުވުނީމާ ދެން ޚަބަރެއް ލިބޭނީ. މިހާރު އެސޮރު މާލެ ގެންދަން ސިފައިންގެ ލޯންޗު ހަމަޖެހިއްޖެ. އެކަމަކު އެއަށްވެސް ފުރޭނީ ރާމިޒާގެ ޖަނާޒާ ނިންމާފައިތާ؟" ކަން އޮތް ހިސާބު ކަތީބުބޭ ކިޔައިދިނީ އިބްރާހިމަށާއި، ރަފީޢުއަށާއި ފަރީދާއަށެވެ.

ކަތީބުބޭ އާއި ފަރީދާ އަދި ރަފީޢުވެސް ދެއްކީ ޖަނާޒާގެ ކަންތައްތަކުގެ ވާހަކައެވެ. އެއްވެސް އެއްޗެއް ނުބުނެ އެވާހަކަތައް އަޑު އަހަން އިބްރާހީމް އިނެވެ.

"ރާމިޒާ ހިނެވުމުގެ ކަންތައް ކުރަން ފަރީދާ އާއެކު އެހީތެރިވާނެ، ދޮންދައިތަ! ސެންޓަރަށް މިއައި މަގުމަތީގައި ދޮންދައިތަ އާއި ދިމާވެގެން ބުނެފައި މިއައީ." ކަތީބު ބުންޏެވެ.

ކަތީބުގެ އެންގުމަށް އައި ރަށުގެ ދެތިން މީހަކު، ފަތްޖެހި އެނދުމަތީގައި ރާމިޒާގެ ހަށިގަނޑު ބާއްވައިގެން، އެހަށިގަނޑުގެ މަތީގައި ހުދުފޮތި އަޅައިގެން ހިނގައިގަތީ ރާމިޒާ އާއި އިބްރާހީމްގެ ގެއާ ދިމާއަށެވެ. ފަރީދާ އާއި އެހެން ބައެއް އަވަށްޓެރީންވެސް ފަހަތުން ހިނގަމުން ދިޔައިރު، އިބްރާހީމްވެސް މަރުވެފައި ހުރި މައްޔިތެއްހެން އެމީހުންގެ ހިނގަމުން ދިޔައެވެ. އިބްރާހީމްގެ ދެބެން ދެދަރި މީހަކު ހުރީ އިބްރާހީމްގެ އަތުލައިފިކޮށް ހިފަހައްޓައިގެންނެވެ.

ރާމިޒާގެ ހަށިގަނޑު ބާއްވާފައި އޮތް ފަސްޖެހި އެނދުގެ ހަތަރުފައިގައި ހަތަރު ފިރިހެނުން ހިފައިގެން އެގެއާ ދިމާއަށް ހިނގަމުން ދިޔައިރު، ރަށުގެ ގޭގޭގެ އިންފާރު ކައިރީގަޔާއި ފުޅަލިތައް ދޮށުގައި މީހުން ބަލަން ތިއްބެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ.

ދުރުން ގެއެއްގެ ރޭޑިއޯއިން އިވެމުން ދިޔަ ހިންދީ ލަވައެއްގެ އަޑުއިވިފައި އިބްރާހީމްގެ ހިތާމަތައް އިތުރަށް ބޮޑުވެއްޖެއެވެ. ލޮލުގައި ހިފެހެއްޓި ކަރުނަތައް އޮހިގެންފިއެވެ. އެއީ އެއް އަހަރެއްގެ ބޮޑު އީދު ޝޯވ އެއްގައި ރާމިޒާވެސް ކީ ލަވައެކެވެ. އެއީ އިބްރާހީމާއި ރާމިޒާގެ ލޯބީގެ އެންމެ ފޮނި ދުވަސްވަރުގެ ހަނދާނެކެވެ. އެ ލަވައިގާ ލަތާ މަންގޭޝްކަރު ކިޔައެވެ. "އޭ އުޑުތަކުގެ އަހުލުވެރީންނޭވެއެވެ. ދިރިއުޅުމާއިމެދު އޮތީ ޝަކުވާއެވެ. މިޝަކުވާގެ ވާހަކަ އަހައި ބަލާށެވެ." ހާލަތާއި އެލަވަ ގުޅެނީ އެވެ. އެލަފުޒުތައް ވިހަ ތީރުތަކެއް ފަދައިން އިބްރާހީމްގެ ހިތަށް ހެރެނީއެވެ.

************

ހަފީޒާ އާއި ދިމާއަށް އައި ކުދިންނަށްވެސް ގުނޑޮޅި ކެނޑި ފަސްގަނޑު ވެއްޓިފައިވާ ތަނުން މީހެއްގެ ފައި ފެންނަ އޮތުމާއި އެކު އެއްބައި ކުދިން ބިރުން ހަޅޭ ލަވައިގެންނެވިއެވެ.

ތަންކޮޅެއް ދޮށީ ކުއްޖަކު ކުރިއަށް ޖެހިފައި، ހަފީޒާގެ ފައި ގަނބައިގެންފައި ހުރިތަނުން ނަގައި އޭނާ ދުރަށް ޖައްސައިފިއެވެ.

"ހަފީޒާ! މީ.. މީ.. ޤަބުރެއްތަ؟" ބިރު ހުރެ އެއްކުއްޖަކު ސުވާލު ކުރީ ހަފީޒާއާއެވެ.

(ނުނިމޭ)
11 ވަނަ ބައި 5 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިވާހަކަ މިހާރު ކޮބާ.. އަލީ ސުލައިމާން މިވާހަކަ ކީއްވެ މިހާރު ގެނެސް ނުދެނީ.. ވވ ރީތި ރީތި ވާހަކައެއްމީ.. ކިޔާލަން ނުލިބިގެން ވވ ދެރަވެފަ މިހުންނަނީ.. އަވަހަށް ގެނެސްދީބަލަ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *