ވަލީދާ އީސާ
މިއީ ހިތްވަރުފުޅު ބަލިކަމާއި، ހިތްޕުޅުދަތިކަމުގެ ވޭނީ ކަރުނަފޮދެެއް ނޫނެވެ.
މިއީ އުފާވެރިކަމުގެ ރަމްޒީ އެންމެ ރީތި ނިޝާނެވެ.
މިއީ ލޮބުވެތި ގައުމުން އެރުވި ޢިއްޒަތުގެ ބަލައިގަތުމެވެ.
މިއީ އެތައް ޙާލަތެއްގައި އިސްކުރެއްވި ޤައުމީ މަޞްލަހަތުގެ ތަޞައްވުރެވެ.
މިއީ އެ ހިތެއްގައި ޤަރުނެއްހައި ދުވަހު ޖެއްސެވި ވާޖިބާ ޒިންމާގެ ވިންދެވެ.
މިއީ ފުރާނައަށް ވުރެ ލޮބުވެތި ރައްޔިތުން އިސްކުރެއްވި ހިނދުކޮޅުތަކުގެ ކުލަ ފީތާ ކުރިމަތިފުޅުން ނިއުޅޭން ފެށި ކަމުގެ ހެއްކެވެ.
މިއީ ގައުމުގެ ވިންދު ހިނގާ ޤައުމީ ހިތްޕުޅެއްގެ ޤައުމީ ކަރުނަފޮދެވެ.
އަތްތިލަބަޑީގެ ސަލާމް ބަރުތީލަކުރަމެވެ.
ހެޔޮއެދުމާއި ހެޔޮދުޢާއާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަމެވެ.
ޖަދުއާން
1988ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމުން އަމިއްލަފުޅަށް އިސްނަންގަވައި ދުޝްމަނުންގެ ކުރިމައްޗަށް ހަނގުރާމައަށް ނުކުންނަވަން އިސްނެންގެވި ޖެހިލުމެއްނެތް ފަހުލަވާނަކީ މިއީއެވެ. ޖަހަޖަހާ ހުރި ލައިވް ވަޒަންތަކުގެ ކުރިމައްޗަށް ނުކުތްއިރު އޭނާގެ މޫނުމައްޗަކު މާޔޫސްކަމެއް ބިރެއް ނެތެވެ.
އެހެންނަމަވެސް ދެކިބަލާށެވެ. މިލޮބުވެތި ޤައުމަށްޓަކައި އޭނާ ކުރި ޚިދުމަތުގެ އަގު މިޤައުމުން ވަޒަންކުރިވަގުތު އެ ހިތްވަރުގަދަ ފަހުލަވާނަށް ކަރުނައެއް ނުހިފެހެއްޓުނެވެ. ޤައުމީ ލޯތްބަކީ މިކަހަލަ އެއްޗެކެވެ.
ޖޯރޭ ރަޝީދު
މަރުހަބާ ސާރ، މޫސާ އަލީ ޖަލީލު. މިއީ އެމަނިކުފާނަށް ހައްގު ޝަރަފަކާއި އިއްޒަތެއް. އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި ހުންނެވިއިރު، އެއްދުވަސްވަރެއްގައި ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މޫސާ އަލީ ޖަލީލާ، އަޅުގަނޑާ ބައްދަލުވޭ. އަޅުގަނޑަށް ޖަލީލު ފާހަގަ ކުރެވުނީ ކޮންމެ މީހަކަށްވެސް އިޙްތިރާމްދޭ، މަޑުމައިތިރި ، އޯގާތެރި ، ހިތްހެޔޮ، އަދި ގައުމީ ޖޯޝުން ފުރިފައިވާ އާދަޔާ ޚިލާފު ބޭފުޅެއްގެ ގޮތުގައި. ދިވެހި ގައުމު ދުށް ވަރުގަދަ ސަޚްސިއްޔަތެއް ކަމުން އެމަނިކުފާނު އަސްކަރީ ޔުނީފޯމުގައި ހުންނަވަނިކޮށް ބައްދަލުވާ ހަމަ ކޮންމެ ފަހަރަކުމެ، 3 ނޮވެމްބަރު 1988 ގެ ބަޑި ބުރާސްފަތީގެ ހަނދާން ތަކުގެ ތެރެއަށް ވެއްޓިގެންދޭ. —
އަޝްރަފު ޢަލީ
ޙުއްބުލްވަޠަންގެ ކަރުނަ
ތިޔަ ކޮށްދެއްވި ޚިދުމަތަށް ހައްގު ތާރީފު ދަންނަވާނޭ އިބާރާތެއް ދުލަކަށް ނައި! ތިޔައީ ދިވެހި ގައުމު ދުށް ލާމަސީލު ދަރިއެއް!
ހިތުގެ އެންމެ މަތީ ހުރުމަތާ އެކު މަނިކުފާނަށް ކުރުނީސްކުރަން.
އަދު އަޅުގަނޑުމެން މި ނިދަނީ މަނިކުފާނުގެ އަމިއްލަފުޅު އެދުންފުޅެއް ނެތި ވެވަޑައިގެންނެވި ފިދާއީ ގުރުބާނީގެ ސަބަބުން
ޝުކުރިއްޔާ ސަރ.
އަލް އުސްތާޒު އަހުމަދު ފާއިޒު
އަމިއްލަ ފުރާނައަށްވުރެ ގައުމުގެ މިނިވަންކަން އިސްކޮށް ދުޝްމަނުންނާއި ހަނގުރާމަ ކުރެއްވި މުޖާހިދުންގެ ތެރެއިން ހަނގުރާމައިގެ މައިދާނަށް ލޭފޮދު އޮހޮރުވާލި މުޖާހިދުންނަކީ ގައުމަށްޓަކައި ޝަހީދުވި ދިވެހި އުއްމަތުގެ ބަތަލުންނެވެ. އެ ޝުހަދާއުންގެ ތެރެއިން ޝަހީދު ހުސެން އާދަމަކީ ހަނގުރާމައިގެ މައިދާނުގައި ލީޑަރޝިޕް ދެއްކެވި މި ގައުމުގެ ޝަހީދުންގެ ސާހިބާއެވެ. ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުނާއި ޖިހާދުކޮށް އެ ދުވަހު ކާމިޔާހޯއްދެވި ބޭފުޅުންނަކީ ޣާޒީންނެވެ. އެ ޣާޒީންގެ ތެރެއިން ހަނގުރާމައިގެ މައިދާނުގައި ލީޑަރޝިޕް ދެއްކެވި ބޭފުޅަކީ ޣާޒީ މޫސާ ޢަލީ ޖަލީލެވެ.
މިނިވަންކަންމަތީ، ގަދަ ނިންޖެއްގައި ' އެރޭ ' ނިދާފައި ތިއްބައި ފަތިސްނަމާދުގެ ބަންގިއަށްވުރެ ކުރިން ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ހޭލެވުނު ކޮންމެ ދިވެއްސެއްގެ ލޮލުން ފަތިސްވަގުތުން ފެށިގެން ފާއްދާލި ކަރުނައަށް ތަސައްލީ ގެނެސްދިންކަމަށްޓައި، މަނިކުފާނުގެ ލޮލުން ތި ފާއްދާލި ކަރުނަފޮދު އަގު މި ވަތަން އަދާކުރަނީ ޝުކުރުވެރިކަމައެކުއެވެ.
މި ލޮބުވެތި ވަތަނަށް ޣައްދާރުވި ޚާއިނުން އަދި ތިޔަ ލޮބުވެތި ޝުހަދާއުންގެ ތޯހިރު ލެއިން މުޑުދާރުކުރި 'އަތްފައިތައް' މި ތޯހިރު ފަސްގަނޑުގައި މިނިވަންކަމާއެކު އުޅޭތަން ފެންނާތީ މި ފަސްގަނޑު ލަތުވެތިވެއެވެ. އަދި ތިޔަ ޝުހަދާއުންގެ ކިބައިން މި ގައުމު މާފަށް އެދެއެވެ.
ޢަބްދުﷲ ސައީދު
އެއީ އޭރު ސިފައިންގެ ޚިދުމަތަށް ވަރަށް ޅަ ޒުވާނެކެވެ. މަސައްކަތް ކުރައްވަމުން ގެންދެވީ ކޯސްޓްގާޑުގެ ކުދި ލޯންޗުފަހަރުގެ ފަޅުވެރިއެއްގެ ގޮތުގައެވެ. އެދުވަސްވަރު ސްކޫލު ނިމުމުން ސިފައިންގެ ޚިދުމަތަށް މަޖުބޫރުން ގުޅެންޖެހުނު ނަމަވެސް ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުރުމުގެ ވިސްނުން އައީ 3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ބިރުވެރި ޙަމަލައަށްފަހުގައެވެ. އެ ހަމަލާ ކުރިމަތިވިއިރު ޕްރައިވެޓްގެ ރޭންކުގައި ހުންނެވި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ސިފައިންގެ ޚިދުމަތަށްވީ އެންމެ ހަ މަސް ދުވަހެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ދުޝްމިނުން ދޭންފެށި ރެއާއި އެ ދުވަހަކީ ޕްރައިވެޓް އިބްރާހީމް ޙިލްމީގެ ޑިއުޓީ ދުވަހާއި ޑިއުޓީ ރެއެވެ. އޭރު ކޯސްޓްގާޑު ކުދި ލޯންޗުފަހަރުގައި މަސައްކަތްކުރާ ސިފައިން ޑިއުޓީގައި ތިބެނީ ދަތުރެއް ޖެހިގެން ގޮވާލީމާ ދާގޮތަށް ސްޓޭންޑްބައިގައެވެ. އެރޭ ޕްރައިވެޓް ޙިލްމީ ނިދިކުރެއްވީ ސިފައިންގެ އިރުމަތީ ފަރާތުގައި އޭރުހުރި ޢިމާރާތުގެ ކޮންފަރެސް ހޯލްގައި ހަދާފައިވާ "މަނަވަރު" ފެންޑާގައެވެ.
ދުޝްމިނުން މާލެއަށް އަރައި ދޭންފެށި ބަޑީގެ ހަމަލާގެ އަޑުފައްގަނޑަށް ފެންޑާގައި ތިބި ހުރިހާ ސިފައިން ހޭލައިގެން ވާނުވާބަލަން ކޮޅުކޮޅަށް ދުވަންފެށިއެވެ. އެވަގުތު އެންމެ ފުރަތަމަ ޕްރައިވެޓް ޙިލްމީ ހީފުޅުކުރެއްވީ ސިފައިންގެ އެތެރޭގައި ހިނގާކަމެއްކަމަށެވެ. އެކަމަކު ބަޑީގެ އަޑު ހުކުރު މިސްކިތާ ދިމާލުން ވެސް އަންނަހެން ހީފުޅުވެގެން އެ ފަރާތުގައި ހުރި ކުޑަދޮރުތަކުގެ ކައިރިއަށް ވަޑައިގެން ބައްލަވާ ލެއްވިއެވެ. އޭރު އެތަނުން ބޭރު ބަލަން ޕްރައިވެޓް ޙުސައިން ޢަބްދުﷲ ވެސް ހުއްޓެވެ. އެ ވަގުތު އެތަނުން ދުރަށްދިއުމަށް ފެންޑާގެ އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސާޖަންޓް ޒުބައިރު އަޙްމަދު މަނިކު ވަރަށް ބާރަށް ވިދާޅުވިއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޣާޒީ ބިލްޑިންގއާ ދޭތެރެއިން މީހަކު ހަޅޭއްލަމުން އަންނަތަން ޕްރައިވެޓް ޙިލްމީއަށް ފެނިވަޑައިގަތެވެ. ދެން އިވިވަޑައިގެންނެވި ބަޑީގެ އަޑުފައްގަނޑަށްފަހު ފެނިވަޑައިގަތީ މީހަކު ވެއްޓިފައި އޮތް ތަނެވެ. އެއީ މި ހަމަލާގައި ފުލުސް އޮފީސް ގޭޓުން ވަންނަން އައި ވަސަންތީ ގުރޫޕުގެ ޖޫލީއެވެ.
ސާޖަންޓް ޒުބައިރު އަޙްމަދު މަނިކު އެންގެވުމުން އެ ފެންޑާގައި ތިބި އެހެން ސިފައިންނާއެކު ޕްރައިވެޓް ޙިލްމީ ދެން ވަޑައިގަތީ ބަޑިގުދަނަށް ހަތިޔާރު ނަންގަވާށެވެ. ބަޑިގުދަނަށް ވަޑައިގަތުމާއެކު އެތަނުގައި ތިއްބެވި އިސް ބޭފުޅުން ޕްރައިވެޓް ޙިލްމީ ބޭންދެވީ އާމަރީގައި މެގަޒިނަށް ވަޒަންއަޅާށެވެ. އެހެން އިންނަވާއިރު ދޭތެރެއަކުން ބަޑިގުދަނުން ބޭރަށް ނިކުމެވަޑައިގެން ސިފައިންގެ އެތެރޭގައި ކަންކަން ހިނގާގޮތް ބައްލަވާލައްވައެވެ. ސިފައިންގެ ޚިދުމަތަށް ޅަކަމުން ސިފައިންގެ އިސް ބައެއް ބޭފުޅުން ފިޔަވައި އެހެން މާގިނަ ބައެއްގެ ނަމެއް އެނގިވަޑައެއް ނުގަންނަވައެވެ.
ބަޑިގުދަނުގައި މެގަޒިންތަކަށް ވަޒަން ލައްވަން ހުންނަވަނިކޮށް، އެދުވަހުގެ ފަތިހު 04:40 އެހާކަށްހާއިރު ސިފައިންގެ މަރުކަޒުގެ ހުޅަނގު ދެކުނު ކަން ގޮއްވާލި ގަދަފަދަ އަޑު އިވިވަޑައިގަތެވެ. އެދުވަހުގެ ހެނދުނު ގާތްގަޑަކަށް 10:00 ޖެހިއިރު މި ބާގަނޑު ބައްދަން ނެގުނު ޓީމުގައި ޕްރައިވެޓް ޙިލްމީ ހިމެނިވަޑައިގަތެވެ. ސްޓާފް ސާރޖަންޓް ޚަބަރު ދޮންމަނިކާއެކު އަނބުގަސްދޮށް ކައިރިން ބަހަކަށް އަރައިގެން ވަޑައިގަތީ ސިފައިންގެ މައިގޭޓު ކައިރީގައި ހުރި މޫނިމާ ގަސް ކައިރިއަށެވެ. އެއަށްފަހު، ބަހުން ފައިބައިވަޑައިގެން ހިންގަވާފައިވާ ވަޑައިގަތީ ގޭޓު ކުރިމަތިން ފެންނަން މިހާރު ވެސް ހުރި ފްލޭގް ޕޯސްޓްގެ އިރުމަތީ ފަރާތު ކަންމަތީގައި ހުރި ވެލި ބަސްތާތަކެއް ނެންގެވުމަށެވެ. އެ ވެލި ބަސްތާތައް ހުރީ ތުން ނުބަދެ ކަމުގައިވާތީ، ސްޓާފް ސާރޖަންޓް ޚަބަރު ދޮންމަނިކުގެ އެންގެވުމަށް ވެލިބަސްތާތައް ބަންނާނެ ރޯނު ހޯއްދެއްވުމަށް ޓަކައި ދުވެފައި ވަޑައިގަތީ ކޮއްތު ގުދަނާ ދިމާލަށެވެ. އެތަނުން ރޯނު ހޯއްދަވައިގެން ދުވެފައި ފްލޭގް ޕޯސްޓް ކައިރިއަށް ވަޑައިގަތްވަގުތު ދުޝްމިނުން ސިފައިންގެ ގޭޓަށް ދެމުންދިޔަ ޙަމަލާގެ ސަބަބުން ވަރަށް އަޑުގަދައެވެ. ދުޝްމިނުން ދެމުންދިޔަ ޙަމަލައިގެ އަޑުފަށްގަނޑަށް ސިއްސަސިއްސައިގެން ދެއެވެ. އެހެން ނަމަވެސް، ހަވާލުކުރެވިފައިވާ ޓާސްކު އެތަނުން ފުރިހަމަކުރުމަށްފަހު، ވެލި ބަސްތާތަކާއެކު ބަހަށް އަރައިގެން އަނބުގަސްދޮށަށް ދިޔުމަށްފަހު، ދަގަނޑު ދެ ތާނގީ ބާގަނޑުގެ ދެ ފަރާތުގައި ބެހެއްޓުމަށްފަހު، އޭގެ މަތީގައި ދަގަނޑު ފިލާ ބޭއްވުމަށްފަހު، އޭގެ މައްޗަށް ވެލި ބަސްތާ ޖަހައިގެން ބާގަނޑު ބެއްދޭތޯ ޕްރައިވެޓް ޙިލްމީ އާއި އެކަމަށް މަސައްކަތްކުރި ޓީމުން ކުރި މަސައްކަތްތަކުގެ ހުރަހަކަށްވީ، ބާގަނޑާއި ދިމާލު ބޭރުން ޙަރަކާތްތެރިވަމުންދިޔަ ދުޝްމިނުންނެވެ. ދަގަނޑުފިލާ މައްޗަށް ވެލި ބަސްތާތައް އުކަމުންދަނިކޮށް ވެލި ބަސްތާއެއް ފިލާމަތިން ވެއްޓުނެވެ. މި ވެލި ބަސްތާ ނަގަން ޕްރައިވެޓް ޙިލްމީ ދަގަޑުފިލާ ކައިރިއަށް ވަޑައިގެން، ދެކަކޫ ބިންމަތީގައި ޖެއްސުމަށްފަހު ވެލި ބަސްތާ ނެގި ވަގުތާއި، ދުޝްމިނުން ބޭރުން ބާގަޑާއި ދިމާލަށް ޙަމަލަދޭން ފެށިއެވެ. އެވަގުތު ބާގަނޑާއި ދިމާލަށް ސިފައިންގެ މަރުކަޒުން ވަރުގަދަ ރައްދު ޙަމަލައެއް ފޮނުވާލިއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ފަހަރު ބާގަނޑު ބައްދަންކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. އެމަސައްކަތުގައި އުޅުއްވުމަށްފަހު އަނެއްކާވެސް ޕްރައިވެޓް ޙިލްމީ ވަޑައިގަތީ އިތުރު ޓާސްކެއް ޙަވާލުކުރައްވާނެކަމަށް ބަލައިގެން އާމަރީ އަށެވެ.
އާމަރީއަށް ވަޑައިގަތުމުން ޕްރައިވެޓް ޙިލްމީއަށް އަނެއްކާ ވެސް ޙަވާލުވެވަޑައިގަތީ ބަޑީގެ މެގަޒިނަށް ވަޒަން ލައްވާށެވެ. ބަޑިގުދަނުގައި އިންނަވާފައި ބޭރަށް ނިކުމެވަޑައިގެންނެވި ފަހަރަކު ނޮވެންބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ އެތެރޭގައި ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އޭރުގެ މޭޖަރ މުޙައްމަދު ޒާހިރާ ބައްދަލުވެވަޑައިގަތެވެ. ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ސިފައިންތަކެއްގެ ނަންތައް ވިދާޅުވެފައި ހޯއްދަވައިގެން ބަޑިގުދަންކައިރިއަށް ގެންނެވުމަށް އެންގެވިއެވެ. އެކަމަކު އޭގެތެރޭގައި ޕްރައިވެޓް ޙިލްމީ ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތުމުން، ޑިއުޓީ ފޯރިއަށް ގޮވާ މީހަކާއި ޙަވާލުކޮށްގެން އެމީހުން އާމަރީއަށް ގެނައުމުގެ މަސައްކަތް މޭޖަރ މުޙައްމަދު ޒާހިރު ފެށްޓެވިއެވެ. އެހެންކަމުން، ޕްރައިވެޓް ޙިލްމީ އާމަރީ ތެރޭގައި މެގަޒިނަށް ވަޒަން ލައްވަން ހުރެފައި ފަހުން ނިކުތްވަގުތަކު ފެނިވަޑައިގަތީ މޭޖަރ މުޙައްމަދު ޒާހިރު ބަޔަކާ ވާހަކަ ދައްކަވަން ހުންނެވި ތަނެވެ. އެއީ ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމަށް ކަނޑައެޅުނު ސިފައިންނެވެ. ސިފައިންގެއަށް ދުޝްމިނުން ހަމަލާދެމުން ދަނިކޮށް ސިފައިންގެއިން ބޭރަށް ނިކުންނަށް ހަމަޖެއްސެވި ސިފައިންނާ މޭޖަރ މުޙައްމަދު ޒާހިރު ވާހަކަދައްކަވައި ވަރަށް އަސަރާއެކު ސަލާންކުރެއްވިއެވެ. އަދި އެތާތިބި އެހެން ސިފައިންނެކޭ އެއްގޮތަށް ޕްރައިވެޓް ޙިލްމީ ވެސް އެ ސިފައިންނާ ސަލާންކުރެއްވިއެވެ. ސިފައިންގެއިން ބޭރަށް ރެކީއަށް ނިކުންނަން ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު ހިމެނޭގޮތަށް 11 ސިފައިން އާމަރީން ހިނގައިގަތްވަގުތަކީ އަސަރުގަދަ ވަގުތެއްކަމުގެ އިޙްސާސް ޕްރައިވެޓް ޙިލްމީ އަށް ކުރުވިއެވެ. އޭގެ ކުޑަ ވަގުތެއްކޮޅެއްފަހުން ޕްރައިވެޓް ޙިލްމީ އޭކޭ 47 ބަޑިއަކާއެކު ޑިޔުޓީއަށް ފޮނުވުނީ ސިފައިންގެ އިރުމަތީ ފަރާތުގައި ހުރި ޢިމާރާތުގެ 3 ވަނަ ފަންގިފިލާގެ މަނަވަރު ފެންޑާއަށެވެ. އެޑިޔުޓީ ޕޮއިންޓުގައި ހުންނެވިއިރު ޕްރައިވެޓް ޙިލްމީ އަށް އެންމެ ފުން ހިތާމައެއް ކުރުވީ ޤާއިމުވެފައިހުރި ޑިޔުޓީ ޕޮއިންޓުގެ ބޭރުން ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) އާއި ޕްރައިވެޓް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވާ މަންޒަރު ފެންނާތީއެވެ.
3 ނޮވެމްބަރ 1988 ގައި ދިވެހިރާއްޖެއަށް ނުރައްކާތެރި ޙަމަލަ ކުރިމަތިވިއިރު ޕްރައިވެޓް ޙިލްމީ ޢުމުރުފުޅުން ހަގު ކަމުގައިވިޔަސް އަދި ސިފައިންގެ ޚިދުމަތަށް އަހަރެއް ނުވި ކަމުގައިވިޔަސް ސާބިތުވެ ހުންނެވީ ސިފައިންގެ މައި މަރުކަޒު ޙިމާޔަތް ކުރުމުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރެއްވުމަށެވެ. އެދުވަހު ދީނާއި ޤައުމަށް ޓަކައި ފަސްޖެހިވަޑައިނުގެން ހިތްވަރާއެކު ޖިހާދު ކުރެއްވިއެވެ. ސިފައިންގެ ވެރިން އެންގެވި ކޮންމެ ކަމެއް އެއްވެސް ސުވާލެއްނެތި ކުރެއްވުމުގައި ސާބިތުވެ ހުންނެވިއެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ސާބިތުވެ ދެމި ހުންނެވުމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ހިތާއި ރޫޙު ސިފައިންގެ ޚިދުމަތަށް ލަންބުވާލި ހާދިސާއެވެ. އެ ދުވަހުގެ އެ ހާދިސާއަކީ ސިފައިންގެ ޚިދުމަތާ މެދު ކުރިން ދެކެވަޑައިގެންނެވިގޮތް މުޅިން ބަދަލުކޮށްލި ހާދިސާއެކެވެ. އެ ދުވަހަށް ފަހު އަސްކަރީ ޚިދުމަތަކީ ޤައުމަށް ކޮށްދެވޭނެ އެންމެ ފަޚުރުވެރި އަދި އެންމެ ޝަރަފުވެރި އަދި އެންމެ މުހިންމު ޚިދުމަތްކަމަށް ޤަބޫލުކުރައްވައިގެން އިޚްލާޞްތެރިކަމާއެކު ކުރިއަށް ވަޑައިގެންނެވުމުގެ ނަތީޖާއަކީ މިއަދު އެމަނިކުފާނު ހުންނެވި ހިސާބަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމެވެ. މިއަދު އެއީ ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްއެވެ. ދިވެހި ލަޝްކަރުގެ ޔުނިފޯމުއެޅި އެންމެ އިސް ކޮމާންޑަރެވެ.