logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްއައިބީން އިތުރު 19 ރަށެއްގައި އޭޓީއެމް ގާއިމްކުރަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދުއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު މުޙައްމަދު ސަޢީދުއެވެ. އިސްލާމިކް ބޭންކުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިސްލާމިކް ބޭންކު 19 ރަށެއްގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޤާއިމްކުރާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ 16 އަތޮޅަކަށް އެމްއައިބީގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ.

މި ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ ރައްޔިތުންގެ މާލީ ބައިވެރުވުން ކަށަވަރުކުރުމަށް، ކުރެވޭ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ އެއް ބައިވެރިއެއް ގޮތުގައި އިސްލާމިކް ބެންކުން ދެއްވާ އެއްބާރުލުމަށް ވަޒީރު ސަޢީދު ޝުކުރު އަދާކުރެއްވިއެވެ.

"މާލީ މުހިންމު ޚިދުމަތްތަކެއް ލިބޭނެ ފަދަ އިންތިޒާމުތައް މުޅި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ހަމަޖެހިގެން ދިއުން ރައީސްގެ ވަޢުދެއް. އަދި މިއީ ޑިޖިޓަލް އިކޮނޮމީގެ މުހިންމުގެ ތަނބެއް. ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުމަށް އިސްލާމިކް ބޭންކުން ކުރެއްވާ މަސައްކަތަށް ޝުކުރު ދަންނަވަން " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ