އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީންނަށް އަންގަވައި, ބާރުއަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ, ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިިޔާބު ކުރައްވައި, އެމެރިކާގެ 47ވަނަ ރައީސް ކަމުގެ މަޤާމު ޓްރަމްޕް ކަށަވަރު ކުރައްވުމުން މީޑިއާއަށް ދެއްވި އިންޓަވިއުއެއްްގައެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ވަނީ ޒަޔަނިސްޓުންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. އަދި, ޙިޒްބުاللهގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ޔަހޫދީ ފައުޖުން ލުބްނާންގެ ރަށްތަކާއި ޢާންމުންގެ ގެދޮރަށް ބޮން އަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ ލުބްނާންގެ ދެކުނުގެ ރަށްތަކަށް ބަރުހަތިޔާރާ އެކު އެއްގަމު މަގުން އަރައިގަނެ, ޤަތުލުޢާންމުތައް އިތުރުކޮށް ފުޅާކޮށްފައެވެ.
އުރްދުޣާން ވިދާޅުވީ, މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން އެޅިދާނެ އެއް ފިޔަވަޅަކީ, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓައިލުން ކަމުގައެވެ. ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ, ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ބޭނުންވާނެ ހުރިހާ ހަތިޔާރެއް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.