ދިވެހިރާއްޖޭގައި ގޭންގުތަކުގެ ބާރުގަދަވެ ނުރައްކަލުގެ ރަނގަބީލު ޖަހަންފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މިގައުމު ގޭންގް ތަކުގެ އަތްދަށުވެ މިވަބާއިން އަރައި ނުގަނަވޭނެ ޙާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ އިންޒާރު ކަމާބެހޭ މާހިރުން ދެމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެއެވެ.
ގޭންގުތައް ހުއްޓުވުމަށް ބޭނުންވާ ގާނޫނުތައް ދިވެހިރާއްޖޭގައި އެކުލަވާލެވި އަމަލުކުރަމުންދާނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު އަކާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނުތައް ހަދައި ޢަމަލުކުރަމުންދާތާ މި އަހަރަށް 14 އަހަރަށްވުރެ ގިނަ ދުވަސް ވީއެވެ.
މިހާރަކަށް އައިސް އެންމެ ގިނައިން އަޑު އިވެމުންދާ ވާހަކައަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ހެދިފައިވާ ޤާނޫނުތަކަކީ އެކަމަށް އެކަށޭ ޤާނޫނުތަކެއް ނޫންކަމުގެ ވާހަކަ ތަކެވެ. ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ލިއްބައިދީފައިވާ ޤާނޫނީ ހައްޤުތައް މާ ފުޅާ ކަމުގެ ވާހަކަ އާއި ކުށްވެރިންގެ ރައްކާތެރިކަމާއި ހައްޤުތައް މަ ފުޅާދާއިރާގައި ލިބިދީފައިވާކަމުގެ ވާހަކައެވެ. މިއީ ގޭންގުތައް ހުއްޓުވުމަށް އިދާރާތަކަށް އޮތް ގޮންޖެހުމަކަށް ވާތީ ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ ކަމުގެ އަޑުތަކެވެ.
މި ދައްކަނީ ހަމައެކަނި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ލިބިދީފައިވާ ހައްޤުތައް ހަނިކުރުމުގެ ވާހަކަތައް ކަމުން ގާނޫނީ ދާއިރާގެ ފަރާތްތަކުން އެކަމާ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ބައެއް ވަކީލުން ފާހަގަކުރާގޮތުގައި ނުހައްގުން މީހުން ހައްޔަރުކުރުމާއި މީހުން ބަންދުކުރުމަށް ހުރަސް އެޅޭގޮތަށް ޤާނޫނުތައް ހެދިފައި ހުރުމަކީ މައްސަލައެއް ނޫނެވެ، އަދި އެކަމަކީ ގާނޫނީ އިމުން ބޭރުން އެއްވެސް ރައްޔިތަކަށް ބޭއިންސާފު ނުވަތަ ލާއިންސާނީ އަނީޔާއަކަށް ހުށަހެޅިދިއުން ހުއްޓުވުމަށް މުހިއްމު ކަމެއްކަމެވެ.
އަނެއްބައި ވަކީލުން ހާމަކޮށްފައިވަނީ ހައްޔަރުކުރެވޭ މީހާއާއިމެދު އަމަލުކުރަމުން އަންނަ އުސޫލުތައް ހަރުކަށިވެގެން ގޮސް އެފަދަ މީހަކަށް އިންސާފުވެރި ޝަރީޢަތެއް ލިއްބައިނުދޭ ވާހަކައެވެ. މި ގޮތުން ހައްޔަރުކުރުމަށް ފަހު މުއްދަތެއް ނެތް ގޮތަށް ބަންދުޖަހާކަމާއި، ބަންދުކުރުމަށްފަހު ހައްޔަރުކުރެވޭ މީހާ މާފުށި ޖަލަށް ގެންދިއުމަށްފަހު އެމީހާއަށް އެމީހާގެ ވަކީލުންނާ ބައްދަލުކުރުމަށް އޮތް ފުރުސަތު ހަނިކުރެވިފައިވާ މިންވަރާއި އެކަމުގައި ކުރިމަތިވާ ތުރާތަކާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ދައުލަތުން ސިއްރުކުރުމާއި، ޖުޑިޝަރީގެ ހުރިހާކަމެއް ސަރުކާރަށް ބަރޯސާވެފައި އޮތުމުން މައްސަލައެއްގައި ހައްޔަރުކުރެވޭ މީހަކު ދިފާޢުގައި ދައްކާ ވާހަކަތަކަށް ޝަރީޢަތުގައި ބުރަދަން ނުދިނުމުގެ ވާހަކައެވެ. މިއީ ހައްތާވެސް ކަންބޮޑުވުންތަކެވެ.
ދިވެހި ހުރިހާ ރައްޔިތުން އެކަމުގައި މިއަދު ދެބަސް ނުވާނެ ހަޤީގަތަކީ ދިވެހިރާއްޖޭގައި ގޭންގުތަކުގެ ވަބާ ނައްތާލަންޖެހޭ ކަމެވެ. މިކަމުގައި ފުރިހަމަ ހައްލެއް ހޯދުމަށް ސަރުކާރުތައް ނުކުޅެދުމުގެ ސަބަބުން ގޭންގުތަކަކީ މި ދިވެހިރާއްޖޭގައި މިހާރު އެންމެ ބާރުގަދަ މީހުންކަންވެސް މިއޮތީ ޤަބޫލުކުރަންޖެހިފައެވެ.
އެހެންނަމަވެސް ސަރުކާރުތަކަށް ގޭންގުތައް ހުއްޓުވުމަށް ނުކުޅެދިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ. ގޭންގުތައް ނުހުއްޓުވިގެން އުޅެނީ އެކަން ކުރާނެ ވަސީލަތްތައް ނެތިގެން ނޫންކަން އިހަށް ދުވަހު ހޯމް މިނިސްޓަރ ދެއްވި ބަސްދީގަތުމުން ސާފެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ގޭންގުތައް ހުއްޓުވުމަށް ބޭނުންވާ ވަޞީލަތްތައް ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ.
ގޭންގުތަކުގެ ބާރުތައް މި ގައުމުން ނައްތާނުލެވިގެން އުޅޭ ހަޤީޤީ ސަބަބު އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. މިސާލަކަށް ބަލާލަމާ ހިނގާށެވެ. ކޮންމެ ބަޔަކުވެސް ސަރުކާރުގައި ތިބޭއިރު ގޭންގުތައް ނައްތާލާ ވާހަކަ ދައްކައެވެ. މޮޅެތި ޕޮލިސީތައް އެކުލަވާލާ ވާހަކަ ދައްކައެވެ. އެވާހަކަތައް ދެއްކުމުން ޓީވީ ބަލަން އިންނަ މީހާ އެއްމިޔަކަނުން ހީލަނީ ސަރުކާރުގެ ވެރިން އެވާހަކަ ދައްކަނީ އެ އާއްމު ރައްޔިތު މީހާއާއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ވެރިން ހިކުރާތީއެވެ. އެ ރައްޔިތު މީހާ ހައްދާލެވޭނެ ކަމަށް ވެރިން ހީކުރާތީއެވެ.
އެހެންނަމަވެސް، އެ އާއްމު ރައްޔިތު މީހާއަށް ހުރިހާ ކަމެއްވެސް އިނގެއެވެ. ސަރުކާރުތަކުން ވެރިކަމަށް އަންނަން ކުރާ މަސައްކަތުގައި ގޭންގުތަކުގެ އެހީތެރިކަމާއި، ކެމްޕެއިންގެ ކަންކަން ހިންގުމާ، ކެމްޕެއިންނަށް ފަންޑުކުރުމަށް ގޭންގުތަކާއި ސިޔާސީ ފަރާތްތަކުން ގުޅުން ބާއްވާއި އެވެރިން ލައްވައި ކަންކަން ކުރުވާ ވާހަކާއަކީ މިއަދު އާއްމު ވާހަކަތަކެވެ. އަދި ގޭންގުތައް ބޭނޫން ކޮށްގެން ހޯދާ ސިޔާސީ ފައިދާގެ ބަދަލު އެމީހުންނަށް އޮންނަނީ ދޭންވެސް ޖެހިފައެވެ.
ސިޔާސީ މީހުންނަށް އެވެރިންނަށް ވަޒީފާ ހޯދައި ދިނުމާއި، އެވެރިން ބޭނޫންވާ ކަންކަން ކުރުމަށް މަގުފަހި ކޮށްދޭންޖެހި އެވެރިންގެ ހިމާޔަތުގައި މިތިބެނީ ސިޔާސީ ފަރާތްތަކެވެ. މިއީ ތޯ ތޯ ވާހަކައެއް ނޫންކަން އެނގިގެން ދަނީ މިފަހަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގި ޝަރީޢަތެއްގައި ގޭންގުކުށުގައި ތުހުމަތު ކުރެވި މުޖުތަމަޢުއަށް ނުރައްކާވާ މީހެއްކަމަށް ދައުލަތުން ބުނާ މީހަކަށް ދައުލަތުގެ ކުންފުންޏަކުން ވަޒީފާ ދީފައިވަނީ ކިހިނެއްތޯ މައްސަލަ ބެލި ފަނޑިޔާރު ސުވާލުކުރާ ހިސާބަށް މިކަން ގޮސްފައިވާތަން އަހަރުމެންނަށް ފެނިފައިވާތީއެވެ.
ވެރިކަމުގައި ތިބޭ ފަރާތްތަކުން އާއްމު ރައްޔިތުމީހާ ހައްދަން ނަމަވެސް ގޭންގުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރާއިރަށް އިދިކޮޅުގައި ތިބޭސިޔާސީ ފަރާތްތަކުން އެކަމާ ކަންބޮޑުވެ ގޭންގުތަކުގެ ދިފާއުގައި ނިކުމެ ބަސްބުނެއެވެ. ބަސްބުނަނީ ޒުވަނުންގެ ދިފާއުގައި ކަމުގައި ދައްކައިގެންނެވެ، ޒުވާނުންނަކީ ގޭންގުތައްކަމަށް ލޭބަލްކޮށް އެވެރިންގެ މުސްތަޤުބަލު ސަރުކާރުން ބަނަކުރަނީ ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕްރެޝާ ކުރަން ފަށައެވެ. ބޭނުމަކީ ހަމަ ވެރިކަމަށް އަންނަން އެ ގޭންގުތަކުގެ ރުހުން ހޯދުމެވެ.
ދިވެހިރާއްޖޭގައި މިހާރު މި އޮތް ގޭންގުގެ ނުރައްކާތެރިކަމުން ދިވެހި ގައުމު ސަލާމަތްކުރުމަށް ބޭނުންވާނަމަ ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ކުރަންވީ ކަމަކީ ގަދަ ބަސް ބުނުމެއް ނޫނެވެ.ނުވަތަ އިޙްލާސްތެރިކަމެއްނެތިު ރައްޔިތުން ހައްދަން ދެބޯގެރިދުއްވުމެއްވެސް ނޫނެނެވެ. މިކަމުގައި ހައްލު ހޯދުމަށް ދިރާސާތައް ފަށަންވީ ގައުމީ ފެންވަރުގައެވެ. އެކުލަވާލަންވީ ވަށާޖެހޭ ހައްލުގެ ނިޒާމެކެވެ. ހޯދަންވީ ގޭންގުތަކާއި ޒުވާނުން ގުޅޭ ސަބަބެވެ. ހޯދަންވީ ގޭންގުތަކާ ސިޔާސީ ފަރާތްތަކާ ގުޅުން އޮންނަ ހިސާބެވެ. ހައްލު ހޯދަންވީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މިފަދަ މީހުން ސިސްޓަމްގެ ތެރެއިން ދޫވެގެންދާ މައްސަލައެވެ. ހޯދަންވީ ތަހުޤީގު އިދާރާތަކުގައި ހުރި ދޯހަޅިކަން ހައްލުކުރާނެ ގޮތެކެވެ.