2024 ވަނަ އަހަރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ 10 ކުޅުންތެރިން ހާމަކޮށްފި އެވެ.
ފޯބްސް އިން އެކުލަވާލި 2024 ވަނަ އަހަރު ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިން ލިސްޓްގައި ހިމެނޭ 4 ކުޅުންތެރިންނަކީ ސައުދީ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ގަދަ 10 ގައި ދެން ހިމެނެނީ ޕްރިމިއާ ލީގުގެ 3 ކުޅުންތެރިންނާއި ލަލީގާގެ 2 ކުޅުންތެރިންނާއި އެމެރިކާ ލީގުގެ 1 ކުޅުންތެރިއަކު އެވެ.
ފޯބްސް އިން ބުނެފައިވަނީ ސައުދީން ފުޓްބޯޅަ އަށް ކުރާ ހޭދަ ވޭތިވެދިޔަ 2 އަހަރު ދަށަށް ދިޔަ ނަމަވެސް އެގައުމަށް ގެންދިޔަ ކުޅުންތެރިން އަދިވެސް އެ މުސާރާގައި ދެމިތިބި ކަމަށެވެ.
ފޯބްސް އިން މި ލިސްޓް އެކުލަވާލާފައިވަނީ ފުޓްބޯޅަ ކްލަބްތަކުން ލިބޭ މުސާރައާއި، އެންޑޯސްމަންޓާއި ބޯނަސް އާއި އެހެނިހެން ގޮތްގޮތުން ކުލަބުން ލިބޭ ފައިސާއެވެ.
1. ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް ނަސްރު – 285 މިލިއަން ޑޮލަރު
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މެސީ އަށް ވުރެ ދެގުނަ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިއެކެވެ.
އުމުރުން 39 އަހަރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބްރޭންޑް ޑީލްތަކުން ދަނޑުން ބޭރުގައި 65 މިލިއަން ޑޮލަރު އަދި އޭގެ މައްޗަށް 225 މިލިއަން ޑޮލަރު ކުލަބުން އަލް ނަސްރު ކުލަބުން ލިބެއެވެ. ކްރިސްޓިއާނޯ އަކީ ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ އެންމެ މަގުބޫލު އެތުލީޓް އެވެ. ދާދި ފަހުން ރޮނާލްޑޯ ވަނީ ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށްފަ އެވެ. އަދި 90 މިނެޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 1 މިލިއަން ސަބްސްކްރައިބަރުން އެޗެނަލަށް ވަނީ ލިބިފައެވެ.
ރޮނާލްޑޯގެ އަމިއްލަ ސީއާރު ބްރޭންޑާއެކު ހަރްބަލައިފް، ނައިކީ އަދި ހޫޕް ފަދަ ބްރޭންޑްތަކާއެކު އެހެން ޕާޓްނާޝިޕްތައް ވެސް ހުންނަކަމަށް ފޯބްސް އިން ބުނެފައިވެއެވެ.
އަލް ނަސްރު އާއެކު ކްރިސްޓިއާނޯ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
2. ލިއޮނަލް މެސީ، އިންޓަ މިއާމީ – 135 މިލިއަން ޑޮލަރު
އުމުރުން 37 އަހަރުގެ ފޯވާޑް މެސީއަށް ދަނޑުން ބޭރުގައި 75 މިލިއަން ޑޮލަރު ލިބޭއިރު އެ އަދަދަކީ ކުޅުންތެރިއަކަށް ދަނޑުން ބޭރުން ލިބޭ އެއްމެ ބޮޑު އާމްދަނީއެވެ. އޭގެ އިތުރުން ޑޭވިޑް ބެކަމްގެ އެމްއެލްއެސް ޓީމުން މެސީއަށް 65 މިލިއަން ޑޮލަރު ގެ މުސާރައެއް ލިވޭ އިރު އަދި މެސީގެ ކޮންޓްރެކްޓްގައި 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުވެސް އެ ޓީމުގައި ހުރުމަށް އޮޕްޝަނެއް އެބައޮތެވެ.
މެސީގެ ސްޕޮންސަރ ޕާޓްނަރުންގެ ތެރޭގައި އެޑިޑާސް، އެޕަލް ޓީވީ އަދި ކޮނާމީ އަދި ސިސްމިކް ސޯޝަލް މީޑިއާ ފޮލޯވިން ހިމެނެ އެވެ.
އޭނާ ވަނީ ދާދި ފަހުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ 525 ރޮސާރިއޯ ގެ ނަމުގައި އާޖެންޓީނާގެ އުފަން ރަށާއި އޭނާގެ އާއިލީ ގޭގެ އެޑްރެސްގެ ނަމުން ނަން ދީފަ އެވެ.
3. ނޭމާ، އަލް ހިލާލް – 110 މިލިއަން ޑޮލަރު
ބްރެޒިލްގެ ފޯވާރޑް ނޭމާ އަށް ޓީމުން ލެބެނީ 80 މިލިއަން ޑިލަރެވެ. އެ އަދަދަކީ ޓީމް ކޮންޓްރެކްޓުންް ފުރާންސްގެ ބެންޒެމާއަށް ލިބޭ ވަރަށްވުރެ މަދު އަދަދެއް ނަމަވެސް ލިސްޓްގެ 3 ވަނާގައި ހިމެނިފައިވަނީ ނޭމާ އަށް ކުޅުމުން ބޭރުން ލިބޭ 30 މިލިއަން ޑޮލަރާއެކު ބެންޒެމާއަށްވުރެ ބޮޑު އަދަދެއް އޭނާއަށް ލިބޭތީއެވެ.
އަނިޔާގެ ސަބަބުން ނޭމާ އަލް ހިލާލް އަށް ނޭމާއަށް ކުޅެވުނީ ވަރަށް މަދުން ނެވެ. އެއާއެކު ނޭމާގެ މިހާރުގެ ކޮންޓްރެކްޓްގެ ދަށުން ލިބޭ ޕްރައިވެޓް ޖެޓަކާއި ލަގްޒަރީ ކާރުތަކުގެ ފްލީޓަކާއި މެންޝަން އެއް އަދި ލޯބިވެރިޔާއާ އެކު ދިރިއުޅުމުގެ ހައްގު ނޭމާއަށް ލިބިދީފައިވީނަމަވެސް މި ސީޒަން ނިމުމުން އެ މުއްދަތު ހަމަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
4. ކަރީމް ބެންޒެމާ، އަލް އިއްތިހާދު – 104 މިލިއަން ޑޮލަރު
ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް އަދި ބެލޮން ޑިއޯ ކާމިޔާބުކޮށްފައިވާ ބެންޒެމާ އަށް ސައުދީގެ އަލް ހިލާލް އިން ލިބެނީ 100 މިލިއަން ޑޮލަރުއެވެ. އޭގެ ބޭރުން ސްޕޮންސާރ ޢާއި އެހެނިހެން ގޮތްގޮތުން 4 މިލިއަން ޑޮލަރު ލިބެއެވެ.
އުމުރުން 36 އަހަރުގެ ބެންޒެމާ ސައުދީ އަރަބިއްޔާގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އަނިޔާގެ ސަބަބުން 21 މެޗުން 9 ގޯލު ޖެހި ނަމަވެސް އޭނާ ވަނީ މި ސީޒަން ވަރަށް ވަރުގަދަކޮށް ފަށައިފަ އެވެ.
5- ކިލިއަން އެމްބާޕޭ، ރެއާލް މެޑްރިޑް – 90 މިލިއަން ޑޮލަރު
މި ފަހަރުގެ ހޫނު މޫސުމުގައި ފްރާންސްގެ ސުޕަސްޓާ ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި އެމްބާޕެ އަށް ސްޕެއިން އިން 70 މިލިއަން ޑޮލަރު ލިބޭއިރު އެހެނިހެން ގޮތްގޮތުން 20 މިލިއަން ޑޮލަރު އެމްބާޕޭއަށް ލިބެއެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ އަދިވެސް ދަނީ އޭނާއަށް ޕީއެސްޖީން ލިބެންޖެހޭ 60 މިލިއަން ޑޮލަރުގެ މަސައްލާގައި ދައުވާކުރަމުންނެވެ.
6. އެރްލިންގް ހާލަންޑް، މެންޗެސްޓާ ސިޓީ – 60 މިލިއަން ޑޮލަރު
2022 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ގުޅުނު ހާލަންޑް އަށް ކުލަބުން 46 މިލިއަން ޑޮލަރު ލިބޭއިރު ކުޅުމުން ބޭރުން 14 މިލިއަން ޑޮލަރު ލިބެއެވެ.
7. ވިނީސިއަސް ޖޫނިއާ، ރެއާލް މެޑްރިޑް – 55 މިލިއަން ޑޮލަރު
ބްރެޒިލްގެ ސުޕަސްޓާ ވިނީސިއަސް ޖޫނިއަރ އަށް ރެއާލް މެޑުރިޑުން 40 މިލިއަން ޑޮލަރު ލިބޭއިރު ކުޅުމުން ބޭރުން އޭނާއަށް ލިބޭ 15 މިލިއަން ޑޮލަރާއެކު އޭނާ ވެފައިވަނީ އެއްމެ ބޮޑު އާމްދަނީ ލިބޭ 10 ކުޅުންތެރިންގެ ލިސްޓަށް މިއަހަރު އަލަށް އެރި ހަމައެކަނި އާ ކުޅުންތެރިޔާ އެވެ.
ވިނީސިއަސް ޖޫނިއާ އަކީ ހާއްސަކޮށް ލެޓިން އެމެރިކާގައި މާކެޓް ކުރެވޭ ޝަހުސިއްޔަތަކަށްވެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އެ ސަރަހައްދުގެ 11 ބްރޭންޑް ޕްރޮމޯޓް ކުރުމަށް އޭނާ ވަނީ ކޮންޓްރެކްޓް ހަދާފައެވެ.
8. މުހައްމަދު ސަލާހު، ލިވަޕޫލް – 53 މިލިއަން ޑޮލަރު
ލިވަޕޫލްގައި ސަލާހް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއް އޮތްއިރު، މި ސީޒަނަކީ އެންފީލްޑްގައި އޭނާ ކުޅޭ ފަހު ސީޒަނަށް ވެދާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ވަނީ ދީފަ އެވެ.
އެޑިޑާސް، މައުންޓަން ވިއު މިސްރު އަދި ޕެޕްސީ ފަދަ ހައި ޕްރޮފައިލް ބްރޭންޑްތަކާ އެކު މަސައްކަތްކޮށްފައިވާ މިސްރުގެ ތަރި ޕްރިމިއާ ލީގާއި ނޯތު އެފްރިކާ އަދި މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރަށްބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.
މުޙައްމަދު ސަލާހު އަށް ލިވަޕޫލުން 35 މިލިއަން ޑޮލަރު ލިބޭއިރު ސްޕޮންސަރޝިޕްތަކާއި އެހެނިހެން ގޮތްގަޮތުން 18 މިލިއަން ޑޮލަރު އިތުރަށް ލިބެއެވެ.
9. ސަޑިއޯ މާނޭ، އަލް ނަސްރު – 52 މިލިއަން ޑޮލަރު
ލިވަޕޫލްގެ ކުރީގެ ވިންގާ މާނޭއަށް ސައުދީގެ އަލް-ނަސްރު ކުލަބުން 48 މިލިއަން ޑޮލަރު ލިބޭއިރު އިތުރު 4 މިލިއަން ޑޮލަރު މާނޭއަށް އެހެނިހެން ގޮތްގޮތުން ލިބެއެވެ. މާނޭ އަކީ އޭނާގެ އުފަންގައުމު ސެނެގާލްގެ ފަގީރުކަން
2019 ވަނަ އަހަރު މާނޭ ވަނީ ސެނެގާލްގެ ވަރަށް ފަގީރު ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް މަހަކު 70 ޔޫރޯ ހަދިޔާ ކޮށްފައެވެ.
10. ކެވިން ޑި ބްރޭނާ، މެންޗެސްޓާ ސިޓީ – 39 މިލިއަން ޑޮލަރު
މެންޗެސްޓަރ ސިޓީން 35 މިލިއަން ޑޮލަރު ލިބޭއިރު ޑި ބްރޭނާ އަކީ ނައިކީ އާއި މެކްޑޮނަލްޑްސް ފަދަ ބްރޭންޑް އެންޑޯސްމަންޓާއެކު 4 މިލިއަން ޑޮލަރު އިތުރަށް ލިބޭ ކުޅުންތެރިއެކެވެ.
ބެލްޖިއަމްގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ މިއަހަރުގެ ހޫނު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ބަދަލުވާން ދެކޮޅު ހެދީ އޭނާގެ އާއިލާ މެންޗެސްޓާގައި ވަޒަންވެރިވެފައިވާތީ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޮންމެވެސް ހިސާބެއްގައި ސައޫދީ ޓީމާކާއި ގުޅުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.