ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި އޮތް އިސްރާއިލް ޕާސްޕޯޓްގައި ރާއްޖެ އެތެރވުން މަނާ ކުރާ އިސްލާހުގެ މަސައްކަތ ކުރުންް އަންނަ އަހަރުގެ ފެބުރުއަރީ މަހަށް ފަސްކުރުމަށް އެ ކޮމެޓީން މިއަދު ނިންމައިފިއެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ މައްސަލަ މިއަދު އެޖެންޑާކުރުމަށްފަހު ކޮމެޓީ ކުރިއަށްގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއީރާގެ މެމްބަރ އަބްދުލް ހައްނާނު ވަނީ އެ މައްސަލައިގެ މަސައްކަތް އެކޮމެޓީން ކުރުން އަންނަ އަހަރުގެ ފެބުރުއަރީގެ ނިއަލަށް ފަސްކުރުމަށް ހުށަހަޅާފައެވެ.
މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރ މީކާއީލް އެ އިސްލާހު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިއަހަރުގެ ޖޫން 2 ވަނަ ދުވަހު ކެބިނެޓުން ވަނީ އިސްރާއިލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމާފައެވެ. ނަމަވެސް އެ އިސްލާހު މަޖިލީހަށް ހުށަހެޅުމުން އޭޖީ ވިދާޅުވެފައިވަނީ އެކަން ދެން ތަންފީޒުކުރާނީ މަޖިޅީހުން އެއިސްލާހުގެ މަސައްކަތް ނިމުމުން ކަމަށެވެ.
މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރަށް ތާއިދުކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ ކާނަލް ނާޒިމް ވިދާޅުވީ އެ އިސްލާހަކީ އެމްޑީޕީން ސަރުކާރަށް ނުފޫޒު ހިންގުމަށްޓަކައި އަދި ސަރުކާރު ރައްޔިތުންގެ ކުރިމަތީގަ ނިކަމެތިކުރުމަށްޓަކައި ހުށަހެޅިފަ އިސްލާހެއް ކަމަށާއި، އަދި އެ ބިލުގެ ނިޔަތް ސާފު ނޫން ކަމަށެވެ. އަދި އެ ބިލާއެކު ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަންނަން ޖެހޭނެ ކަމަށާއި، މާލީ ގޮތުން ދަތި ހާލަތެއްގައި ގައުމު އޮތް ހާލަތެއްގައި މިފަދަ ފިޔަވަޅެއް އެޅުމާމެދު ވިސްނަން ޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.