ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރުފައިސާގެ ޤަވާއިދަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތެލަށް ކުރާ ޚަރަދާއި ކާބޯތަކެތި ގަތުމަށް ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުކަމަށެވެ. ރައީސް ވިދާޅުވީ، ދައުލަށް ލިބޭ އާމްދަނީން އެކަންކަން ދެކޮޅުނުޖެއްސޭ ކަމަށެވެ.
ބައެއް ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މިދިޔަ އަހަރު އާމްދަނީ ގޮތުގައި 950 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރެއިން 750 މިލިޔަން ޑޮލަރު ހަމައެކަނި ތެލަށް ހޭދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކާބޯތަކެއްޗަށް 675 މިލިޔަން ޑޮލަރު ހޭދަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ދަރަނި ދެއްކުމަށް އެކަނިވެސް 507 މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ.
މީގެ އިތުރުންވެސް އާންމުންގެ ބޭންކު ކާޑުތަކަށް 200 މިލިޔަން ޑޮލަރު ބޭނުންވާއިރު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް 37 މިލިޔަން ޑޮލަރު ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރީއްޔާ ވަނީ، އެ ހުރިހާ ކަމަކަށް ބޭނުންވާ ޑޮލަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ގަންނަން ޖެހެނީ ބޭރު ފައިސާގެ ކަޅު ބާޒާރުން އަގުބޮޑުކޮށް ކަމަށެވެ. އެހެން ކަމުން ބޭރުފައިސާގެ އައު ޤަވާއިދުގެ ސަބަބުން ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ޖެނުއަރީ މަހުން ފެށިގެން ބޭރުފައިސާގެ ޤަވާއިދު ތަންފީޒުވާން ފެށުމުން، ޤަވާއިދާއި އެއްގޮތަށް ކަން ހިނގާނަމަ ބައެއް ލިބޭނެ ބައެއް ފައިދާ އެމަނިކުފާނު ވަނީ ޙިއްސާކުރައްވާފައެވެ.
ބޭރުފައިސާގެ ޤަވާއިދު ތަންފީޒުވުމުން ބަދަލުވާނެ ކަންކަން
- 2025ގެ ޖުލައި މަހުން ފެށިގެން އެސްއޯއީތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފަށާނެ
- 2026ގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފުރާ ކޮންމެ މީހަކަށްދޭ 500 ޑޮލަރު 1000 ޑޮލަރަށް ބަދަލު ކުރެވޭނެ
- ކްރެޑިޓް ކާޑް ލިމިޓް 1400 ޑޮލަރާއި ހަމައަށް އިތުރުކުރެވޭނެ
- ވިޔަފާރިވެރިންނަށް ޓީޓީ ކުރަން ޑޮލަރު ލިބޭ ނިސްބަތް ޖުލައި 2025އިން ފެށިގެން އިތުރުކުރެވޭނެ
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަވާއިދާއި އެއްގޮތަށް ޑޮލަރު މާރުކުރަން ފެށިއްޖެ ކަމަށް ވާނަމަ، އެކަންކަން ތަންފީޒުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބޭރުފައިސާގެ ޤަވާއިދަށް ގެނެވުނު ބަދަލަށް ބައެއް ރިސޯޓުތަކުން ޢަމަލު ނުކުރާނެ ކަމަށް ބުނަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްޔިތުންގެ ފަޅިއަށް އައުމަށް ދައުވަތު ދެއްވާފައެވެ. މިއާއެކު ޤަވާއިދު ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ނެތީން މި ޤަވާއިދު ބަދަލު ކުރަން. ވަރަށް ސާފުކޮށް މި ދެންނެވީ ޤަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ޤަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކުރާކަމެއް. ޤާނޫނުތަކާއި އެއްގޮތަށް ކުރާކަމެއް. މިކަން އިތުރަށް ތަންފީޒުކުރުމަށް ފަހިކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ޤާނޫނެއް މަޖިލިސް ތެރެއިން ފާސްކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ. ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.
އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.