ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ ކަމަށާއި، ކުރިންވެސް އެ ކުންފުނިތަކުގެ ކޮރަޕްޝަނާ ގުޅޭގޮތުން އިވުނު ވާހަކަތައް މިހާރުވެސް އިވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސް ކުރިއަށް ގެންގޮސްފައި ވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް ބޮޑު ހޭދައެއް ކުރާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކުގެ ކަންކަން އިސްލާހުވާތަން ނުފެންނަ ކަމަށެވެ.
ކުންފުނިތަކުން ހިންގާ ކޮރަޕްޝަންގެ ކަންކަން ހުއްޓޭތަން އަދިވެސް ނުފެންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އިވޭ ވާހަކަތައް އަދިވެސް ނުހުއްޓި އިވެމުންދާ ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓަރު ފިޔަވަޅުތައް އަޅުއްވަންޖެހޭކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އާސަންދައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމު ރިފޯމް ކުރާ ވަރަށް ވުރެ ހާލަތު ގޯސް ކަމަށެވެ.