ބަޖެޓުގައި ތަފްސީލް ނުހިމަނާހާ ހިނދަކު ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށައަޅާފައި ވަނީ އެއްވެސް ތަފްސީލެއް ނުހިމަނާ ކޮންމެ ދާއިރާއަކަށްވެސް ގަނޑުކޮށް އަދަދުތަކެއް ޖަހައިގެންނެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ބަޖެޓް އޮންނަންވާނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކުރަނީ ކޮން ހަރަދެއްކަން ސާފުވާ ގޮތަށެވެ. އެހެންނަމަވެސް ބަޖެޓުގައި އެފަދަ ތަފްސީލްތައް ހިމަނާފައި ނުވާތީ ސިޔާމުގެ ފާޑުކިއުން ސަރުކާރަަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.
މީގެ ކުރިން ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓުގައި ވަކިވަކި ރަށްތަކަށް އަމާޒުކޮށް ބަޖެޓުގައި ތަފްސީލް ނުހިމެނިކުގައި ވީނަމަވެސް މިހާރު އޮތް ގޮތަށް ބަޖެޓް ފާސްވުމުން މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ.